އެމެރިކާގެ ޤައުމީ ދަރަނި 35 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައިފިއެވެ.
މިއީ ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދު ކަމުގައިވާ އެމެރިކާގެ ޤައުމީ ދަރަނި ތާރީޚުގައި ވެސް 35 ޓްރިލިއަން ޑޮލަރު ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރެއެވެ.
ޓްރެޜަރީ ޑިޕާޓްމަންޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ ކޮންމެ މީހަކަށް 104،000 ޑޮލަރަށްވުރެ ގިނަ އަދަދެކެވެ. އަދި ކޮންމެ ގޭބީސީއަކަށް 266،000 ޑޮލަރަށްވުރެ ގިނަ އަދަދެކެވެ.
2024 ވަނަ އަހަރުގެ ޖުލައި މަހު ނިމުނުއިރު، އެމެރިކާގެ ޖުމްލަ ދަރަނި 35،001،278،179،208.67 ޑޮލަރަށް އަރާފައިވެއެވެ. މިއީ ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި 2.35 ޓްރިލިއަން ޑޮލަރުގެ ބޮޑު އިތުރުވުމެކެވެ. މިހާރު ދަރަނި އިތުރުވަމުންދަނީ ދުވާލަކަށް އެވްރެޖްކޮށް 6.4 ބިލިއަން ޑޮލަރުގެ މިންވަރަށެވެ. 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ދަރަނި އިތުރުވެފައިވަނީ 7.3 ޓްރިލިއަން ޑޮލަރުންނެވެ.
ދަރަނި މިހާ ބޮޑަށް އިތުރުވަމުންދާ ސަބަބުތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވުމާއި، ސޯޝަލް ސެކިއުރިޓީ އަދި މެޑިކެއަރ ފަދަ ޕްރޮގްރާމްތަކަށް ކުރަންޖެހޭ ޚަރަދު އިތުރުވުން ހިމެނެއެވެ. މީގެ އިތުރުން ޞިއްޙީ ޚިދުމަތުގެ އަގު ބޮޑުވުމާއި، ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އެކަށީގެންވާ މިންވަރަށް ނުލިބުން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!