ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ޣައްޒާގެ އެކި ގަބުރުސްތާނުތަކުން 2000 އަށްވުރެ ގިނަ މައްޔިތު ވަގަށް ނަގާފައިފިއެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ސިފައިން ވަނީ ޣައްޒާގެ އެކި ގަބުރުސްތާނުތަކުން 2000 އަށްވުރެ ގިނަ މައްޔިތު ވަގަށްނަގައި، އޭގެ ތެރެއިން ބައެއް މައްޔިތު "ނަޖިސްކޮށް" އަނބުރާ ރައްދުކޮށްފައެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮކްޓޯބަރ 7 ގައި ފެށުނު އިސްރާއީލުގެ ހަނގުރާމައިގެ ފަހުން، 2000 އަށްވުރެ ގިނަ ފަލަސްތީނުގެ މައްޔިތު ވަގަށްނަގައި، އޭގެ ތެރެއިން ބައެއް މައްޔިތު އިންސާނިއްޔަތާ ޚިލާފު ގޮތަކަށް އަނބުރާ ރައްދުކޮށްފައިވާ ކަމަށެވެ.
"304 ދުވަހުގެ މި ގަތުލުއާންމުގައި، އިސްރާއީލުން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގެ ގަބުރުސްތާނުތަކުން 2000 އަށްވުރެ ގިނަ ޝަހީދުންގެ ހަށިގަނޑު ވަގަށްނަގައިފައެވެ. މިކަމަކީ އިންސާނިއްޔަތާއި އިންސާނީ އިހުސާސްތަކާ ޚިލާފު ކަމެކެވެ،" މި ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ ސިވިލް އެމަޖެންސީ ސަރވިސްގެ ޑިރެކްޓަރު ޔަމެން އަބޫ ސުލައިމާން ހޯމަ ދުވަހު ބުނެފައިވަނީ އެމީހުންނަށް "15 ކޮތަޅުގެ ތެރޭގައި 80 މައްޔިތު ލިބިފައިވާ" ކަމަށެވެ. "ކޮންމެ ކޮތަޅެއްގައި ހަތަރު މައްޔިތަށްވުރެ ގިނައިން ހުރި" ކަމަށް އޭނާ ބުންޏެވެ.
އަބޫ ސުލައިމާން އިތުރަށް ބުނެފައިވަނީ އިސްރާއީލުގެ ސިފައިން މި މައްޔިތުންގެ ނަންތަކާއި، އެމީހުން ފެނުނު ނުވަތަ ގެންދެވުނު ތަންތަނުގެ މަޢުލޫމާތު ދީފައިނުވާ ކަމަށެވެ. މިއީ "ހަނގުރާމައިގެ ކުށެއް އަދި އިންސާނިއްޔަތާ ދެކޮޅު ކުށެއް" ކަމަށް އޭނާ ބުންޏެވެ.
އަބޫ ސުލައިމާން އިތުރަށް ބުނެފައިވަނީ "މި މައްޔިތުންނަކީ (ޣައްޒާގައި އިސްރާއީލުގެ ސިފައިން މެރި) ޝަހީދުންތޯ ނުވަތަ (އިސްރާއީލުގެ) ޖަލުތަކުގައި އަނިޔާކޮށްގެން މަރާލި މީހުންތޯ އަހަރެމެންނަކަށް ނޭނގެ" ކަމަށެވެ. އަދި މި މައްޔިތުން ދެނެގަތުމަށާއި މަރުވި ސަބަބު ބެލުމަށްޓަކައި އެ މައްޔިތުތައް ސްކްރީންކޮށް ބަލާނެ ކަމަށް އޭނާ އިތުރަށް ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!