ފުޅާދާއިރާއެއްގައި ކާބޯތަކެތި ޑެލިވަރީ ކުރުމުގެ ޚިދުމަތް ދެމުންދިޔަ ތަނަކުން ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 4 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
އިމިގްރޭޝަނުން މިއަދު ކުރި ޓުވިޓެއްގައި ބުނެފައިވަނީ، މި މައްސަލަ އިމިގްރޭޝަނަށް ރިޕޯޓުކޮށްފައިވަނީ "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށްކަމަށެވެ. އެ ރިޕޯޓާ ގުޅިގެން އިމިގްރޭޝަނުން އެ ތަން ބަލައި ފާސްކުރުމަށްފަހު، އެތަނުގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 4 ބިދޭސީން ވަނީ ހިފަހައްޓާފައެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓުކުރުމަށް އިމިގްރޭޝަނުން ވަނީ "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް ތަޢާރަފުކޮށްފައެވެ. އަދި މިފަދަ މައްސަލަތައް ފާހަގަވެއްޖެނަމަ އަވަހަށް ރިޕޯޓުކުރުމަށް އިމިގްރޭޝަނުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމެވެ. މީގެ އިތުރުން، ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް، ބިދޭސީންގެ މައްސަލައަށް 3 އަހަރުތެރޭ ޖުމްލަ ހައްލެއް ހޯދުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެފައިވަނީ ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ ކުށެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!