ބަންގްލަދޭޝްގައި ސަރުކާރާ ދެކޮޅަށް ކުރިއަށްދާ ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި އިއްޔެ (އާދީއްތަ ދުވަހު) އެކަނިވެސް މަދުވެގެން 90 މީހުން މަރުވެއްޖެއެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މުޒާހަރާކުރާ ފަރާތްތަކާ ދެމެދު ހިނގި ވަރުގަދަ ހަމަނުޖެހުންތަކެއްގައި މި މީހުން މަރުވުމުގެ އިތުރުން އެތައްބަޔަކަށްވަނީ އަނިޔާވެފައެވެ.

މި ހަމަނުޖެހުންތައް ފެށިފައިވަނީ ސަރުކާރުގެ ވަޒީފާތަކުގައި ކޯޓާ ނިޒާމު ނައްތާލުމަށް އެދި ދަރިވަރުން ފެށި މުޒާހަރާތަކަކާ ގުޅިގެންނެވެ. ނަމަވެސް މިހާރު މި މުޒާހަރާތައް ބަދަލުވެފައިވަނީ ސަރުކާރާ ދެކޮޅު ބޮޑު ހަރަކާތަކަށެވެ. މި ހަރަކާތުގެ ދަށުން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދިނުމަށް ދަރިވަރުން ދަނީ ގޮވާލާފައެވެ.

Ad
rt

ސިރާޖްގަންޖް ސަރަހައްދުގައި ހުރި ފުލުސް މަރުކަޒަކަށް އެތައްހާސް މީހުން ހަމަލާދިނުމުގެ ސަބަބުން 13 ފުލުހުން މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް ފުލުހުންނާއި ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ބަޑިޖަހާފައިވާކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި ފުލުހުން ވަނީ ކަރުނަގޭހާއި ރަބަރު ބުލެޓް ވެސް ބޭނުންކޮށްފައެވެ.

މި މުޒާހަރާތައް ފެށުނު ޖުލައި މަހުން ފެށިގެން މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދު 280 އަށް އަރާފައިވެއެވެ. އަދި ރޭގަނޑު 6:00 ން ފެށިގެން މުޅި ގައުމުގައި ކަރްފިއު އިއުލާން ކޮށްފައިވެއެވެ.

އދ. ގެ އިންސާނީ ހައްގުތަކާބެހޭ ވެރިޔާ ވޯކަރ ޓަރކް ވަނީ މި އަނިޔާވެރިކަން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ބަންގްލަދޭޝްގެ ސިޔާސީ ފަރާތްތަކާއި ސެކިއުރިޓީ ބާރުތަކަށް ކެތްތެރިވުމަށް އިލްތިމާސްކޮށްފައެވެ.