މާލެ އަތޮޅުގައި ހިމެނޭ ގުދުރަތީ ރީތިކަމާއި މުއްސަނދިކަން ލިބިފައިވާ ބޮޑު ދެ ތިލައެއް ކަމުގައިވާ ބޮޑުހިތި ތިލަ އާއި އޮއްކޮބޭ ތިލަ ސަރުކާރުން ހިމާޔަތްކޮށްފިއެވެ. މި ދެ ތިލައަކީ ފީނާ މީހުންނާއި ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގްބޫލު ތަންތަނެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނެފައިވަނީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ކ. ބޮޑުހިތި ތިލަ ސަރަހައްދާއި ކ. އޮއްކޮބޭ ތިލަ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައި ހަމަޖައްސާފައިވާ ކަމަށެވެ.
މި ދެ ތިލަ ހިމާޔަތްކޮށްފައިވަނީ ގުޅިފަޅު ހިއްކުމަށްޓަކައި ހިންގާ ޕްރޮޖެކްޓުގެ ތެރެއިން ކުރިއަށް ގެންދާ ބަޔޯޑައިވާސިޓީ އޮފްސެޓް ޕްލޭންގެ ދަށުންނެވެ. އެއީ އެ ޕްރޮޖެކްޓުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހިންގާ ޕްލޭނެކެވެ.
ބޮޑުހިތި ތިލަ:
- މާލެ އަތޮޅު ހުޅަނގުގައި އޮންނަ 127.47 ހެކްޓަރުގެ ސަރަހައްދެއް
- ގިނަ މުރަކަ، ފަރުމަސް އަދި ކަނޑުމަސް ދިރިއުޅޭ ތަނެއް
- ހިމާޔަތްކޮށްފައިވާ އަދި ނެތިދިއުމުގެ ބިރުހީވެފައިވާ ދިރުންތައް އުޅޭ
- އިރުވައި މޫސުމުގައި އެންމަޑި ސާފުވާ ސަރަހައްދެއް
- ދިވެހިންނާއި ޓޫރިސްޓުން ފީނަން ދާ ތަނެއް
އޮއްކޮބޭ ތިލަ:
- މާލެ އަތޮޅު އިރުމަތީގައި އޮންނަ 379.31 ހެކްޓަރުގެ ސަރަހައްދެއް
- ގިނަ ހޮހަޅަ އަދި "އޯވާހޭންގްސް" ހުރި ދިރޭ މުރަކައިގެ ސަރަހައްދެއް
- 73 ބާވަތުގެ މަސް ދިރިއުޅޭ
- ނެތިދިއުމުގެ ބިރުހީވެފައިވާ ދިރުންތައް އުޅޭ
- ފީނާ މީހުންގެ މެދުގައި މަޤްބޫލު ތަނެއް
މި ސަރަހައްދުތަކުގައި ކުރުން މަނާ ކަންކަމުގެ ތެރޭގައި ހިމެނެނީ:
• ތެޔޮ، ގޭސް ނުވަތަ އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާކުރުމާއި މައިންކުރުން.
• އެއްވެސް ބާވަތެއްގެ ކުނި އެޅުން.
• ބިން ހިއްކުމާއި ފަޅު ފުންކުރުން.
• ގަލާއި ވެއްޔާއި މުރަކަ އަދި އަކިރި ނެގުން.
• ނަގިލި ލުން.
• އުމްރާނީ ތަރައްގީގެ މަސައްކަތެއް ނުވަތަ އިންފްރާސްޓްރަކްޗާ ގާއިމްކުރުން.
• އެއްވެސް "ޕޮލިއުޓެންޓެއް" ދޫކުރުން ނުވަތަ ބޭރުވާ ގޮތަށް އައުޓްފޯލް ބެހެއްޓުން.
• އެކުއާކަލްޗާ ނުވަތަ މެރިކަލްޗާގެ މަސައްކަތްކުރުން.
• ދެމެހެއްޓެނިވި ގޮތެއްގައި ކުރާ އެންވެރިކަން ފިޔަވައި އެއްވެސް އެއްޗެއް ނުވަތަ ދިރުމެއް ނެގުމާއި މެރުމާއި ގޯނާކުރުމާއި ހިފުން.
• އެއްވެސް ދިރުމެއްގެ ބިސް ނެގުން ނުވަތަ ހާއްޔަށް ގެއްލުން ދިނުން.
• އެއްވެސް ބާވަތެއްގެ ދިރުމެއް ތައާރަފުކުރުން.
• މަސްމަހާމެއްސާއި ދޫނިސޫފާސޫފި ހިމެނޭ ގޮތަށް އެއްވެސް ދިރޭ އެއްޗަކަށް ކާން ދިނުން ނުވަތަ ކާން އެޅުން.
• އެ ސަރަހައްދު އަލިވާގޮތަށް ރޭގަނޑު ދިއްލުން.
• އެތަނުގައިވާ ދިރުންތަކުގެ އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަކުރުން.
• ރާއްޖޭގެ އެމުގެ ގޮތުގައި ބޭނުންކުރާ މަސް ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ ކުދި މަސް ހިފުން. (އޭގެ ތެރޭގައި އެކުއޭރިއަމްތަކާއި ޓޭންކްތަކުގައި ގެންގުޅޭ މަހާއ، ފަރުމަހުގެ ހުރިހާ ބާވަތެއްގެ "ޖުވެނައިލް" މަސް ހިމެނެ އެވެ.)
• ދިއްލައިގެން ރޭގަނޑު މަސް ތިލަކުރުން. (އޭގެ ތެރޭގައި މަސްވެރިކަމުގެ ގާނޫނުގެ ދަށުން މަސްވެރިކަމާއި އަތުނަނުގެ ބޮޑު ކަންނެލީގެ މަސްވެރިކަމަށް ދޫކޮށްފައިވާ ސައްހަ ލައިސަންސެއް އޮތް އުޅަނދަކުން ދިއްލައިގެން އެންވެރިކަން ކުރުން އިސްތިސްނާ ވާނެ އެވެ.)
މިނިސްޓްރީން ބުނީ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން، ހިމާޔަތްކޮށްފައިވާ އެ ސަރަހައްދުތަކަށް ޒިޔާރަތްކުރުމާއި ދިރާސާ ކުރުމާއި ރީސްޓޮރޭޝަން ނުވަތަ ރީހެބިލިޓޭޝަންގެ ބޭނުމަށް މަސައްކަތްކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!