ނިމިދިޔަ ސީޒަންގައި ސްޕެނިޝް ލަލީގާގެ ޓޮޕް ސްޕޯރާގެ މަގާމް ހޯދައި ރަންބޫޓް ކާމިޔާބުކުރި އާތެމް ޑޮވްބިކް އިޓަލީގެ ރޯމާއަށް ބަދަލުވެއްޖެއެވެ.
އުމުރުން 27 އަހަރުގެ ޔުކްރެއިން ފޯވާޑް، ވަނީ ނިމިދިޔަ ސީޒަންގައި ޖިރޯނާގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމުން ލީގުގެ ތިންވަނާގައި ނިންމައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުން ޖާގަ ކަށަވަރު ކުރިއިރު އޭނާގެ ދައުރު ބޮޑެވެ.
ޑޮވްބިކް ލަލީގާގެ ރަންބޫޓް ހޯދީ ރެއާލް މެޑްރިޑްގެ އިންގްލެންޑް މިޑްފީލްޑަރ ޖޫޑް ބެލިންހަމް ފަހަތަށް ޖައްސާލުމަށް ފަހުއެވެ. ޑޮވްބިކް ވަނީ ލީގުގައި ކުޅުނު 36 މެޗުގައި 24 ލަނޑުޖަހައި 8 ލަނޑު ޖަހަން އެހީތެރިވެދީފައެވެ.
މިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޔުކްރެއިން ޓީމަށް ކުޅުނު ޑޮވްބިކް ޓްރާންސްފާއަށް ރޯމާއިން ވަނީ 38 މިލިއަން ޕައުންޑް ހަރަދުކޮށްފައެވެ. ރޯމާގެ މެއިން ސްޓްރައިކަރެއްގެ ގޮތުގައި މިދިޔަ ސީޒަންގައި ކުޅެފައިވަނީ ޗެލްސީން ލޯން އެއްބަސްވުމެއްގެ ދަށުން ގެނައި ބެލްޖިއަމް ފޯވާޑް ލުކަކޫއެވެ.
އިޓަލީގެ ނަޕޯލީއަށް ކުޅެމުން އަންނަ ނައިޖީރިއާގެ ފޯވާޑް އޮޝިމެން ހޯދުމަށް ޕީއެސްޖީން މަސައްކަތް ކުރަމުން އަންނައިރު، އޮޝިމެންގެ ބަދަލު އެ މަގާމަށް ނަޕޯލީން ހޯދުމަށް މަސައްކަތްކުރާ ލިސްޓްގައި ލުކަކޫ ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!