ޕާކިސްތާނުގައި އަނެއްކާވެސް ވީޕީއެން ބޭނުންކުރުން މަނާކުރަން ނިންމައިފިއެވެ.
ޕާކިސްތާނުގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ)ގެ ޗެއަރމަން، ރިޓަޔަރޑް މޭޖަރ ޖެނެރަލް ހަފީޒުއްރަހްމާން ވަނީ 2 އޯގަސްޓު 2024 ގައި އެ ގައުމުގައި ވީޕީއެން ބޭނުންކުރުން ރެގިއުލޭޓްކުރުމަށް ރާވަމުންދާކަން ހާމަކުރައްވާފައެވެ. މި ރޭވުމުގެ ދަށުން، ހަމައެކަނި ޕީޓީއޭއިން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ވީޕީއެން ޕްރޮވައިޑަރުތަކަށް ހުއްދަ ދިނުމަށްފަހު، އެހެން ޕްރޮވައިޑަރުތައް ބްލޮކްކުރުމަށް ވަނީ ނިންމާފައެވެ.
މި ނިންމުމަކީ، 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެކްސް (ކުރީގެ ޓްވިޓަރ) ފަދަ ސޯޝަލް މީޑިއާ ސައިޓުތަކަށް ވަނުން މަނާކުރުމަށްފަހު އަޅާ ފިޔަވަޅެކެވެ. މި މަނާކުރުމާ ގުޅިގެން، އިންޓަނެޓް ބޭނުންކުރާ ގިނަ ފަރާތްތަކުން ވީޕީއެން މެދުވެރިކޮށް މި ސައިޓުތަކަށް ވަދެއުޅެން ފެށުމާއެކު، ވީޕީއެން ބޭނުންކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މިގޮތުން، މަޝްހޫރު ވީޕީއެން ޕްރޮވައިޑަރެއް ކަމަށްވާ ސާފްޝާކުން ބުނެފައިވަނީ މި މަނާކުރުމަށްފަހު އެ ސަރވިސްއަށް އަލަށް ސައިންއަޕްކުރި މީހުންގެ އަދަދު 300 އިންސައްތައަށްވުރެ އިތުރުވެފައިވާ ކަމަށެވެ.
ނަމަވެސް، މިހާރު ޕާކިސްތާނު ސަރުކާރުން ވަނީ މި މަނާކުރުން އިތުރަށް ހަރުދަނާކޮށް ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތައް އިތުރަށް ރެގިއުލޭޓްކޮށް، އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. މިއީ ޕާކިސްތާނުން ވީޕީއެން ބޭނުންކުރުން މަނާކުރަން އުޅޭ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން މިފަދަ ފިޔަވަޅުތައް އެގައުމުގައި ވަނީ އަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!