އާސެނަލްއަށް ކުޅެމުންއައި އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރ އެމިލީ ސްމިތު ރޯ ފުލަމްއަށް ބަދަލުވެއްޖެއެވެ.
އުމުރުން 24 އަހަރުގެ ސްމިތު ރޯ ފުލަމްއަށް ބަދަލުވެފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން، 34 މިލިއަން ޕައުންޑްގެ ޑީލެއްގެ ދަށުންނެވެ. މިއީ ކުލަބްގެ ރެކޯޑް ފީއެކެވެ.
ސްމިތު ރޯ އާސެނަލް އެކަޑަމީއާއި ގުޅިފައިވަނީ އޭނާގެ އުމުރުން އެންމެ 10 އަހަރުގައެވެ. އޭނާ އާސެނަލްގެ ސީނިއާ ޓީމަށް ފުރަތަމަ ކުޅެފައި ވަނީ 2018 ވަނަ އަހަރުއެވެ. އޭނާ ވަނީ އާސެނަލްއަށް 115 މެޗު ކުޅެ، 18 ލަނޑު ޖަހާފައެވެ. ދިމާވި ފިޓްނަސްގެ މައްސަލަތަކާއިއެކު ފަހަކަށް އައިސް އޭނާއަށް އާސެނަލްގައި ކުޅެން ލިބުނު ފުރުސަތުތައް މަދުވުމަކީ އޭނާ އެ ޓީމް ދޫކޮށްލަން ނިންމި އެއް ސަބަބެވެ.
ފުލަމްއަށް ބަދަލުވުމަށް ފަހު އޭނާ ބުނީ ޓީމް ކުޅުންތެރިންނާއިއެކު ކުރިއަށްދާން ކެއްމަދުވެފައި ހުރިކަމަށާއި، މި ޓީމަށް ބަދަލުވުމުގެ ކަންކަން އަވަހަށް ނިމި، މި ޓީމަށް ބަދަލުވެވުމުން ވަރަށް އުފަލުން ހުރިކަމަށެވެ.
މިއީ ރަނގަޅު ވަގުތުގައި ނިންމުނު ރަނގަޅު ނިންމުމެއްކަން ފާހަގަ ކުރަމުން އޭނާ ބުނީ މި ޓީމްގެ މެނޭޖަރާއި ޓީމްގައި ތިބި ކުޅުންތެރިންނަށް ބަލާއިރު މިއީ ރަނގަޅު ޕްރޮޖެކްޓެއްކަމަށް އޭނާއަށް ގަބޫލުކުރެވޭ ކަމަށެވެ.
ފުލަމުން އަންނަ ސީޒަނަށް ޓީމް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ޓީމުން އަންނަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން މިޑްފީލްޑަރ މެކް ޓޮމިނޭ ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!