އީރާނުގެ ވެރިރަށް ތެހެރާނުގައި ހަމާސްގެ ޕޮލިޓިކަލް ޗީފް އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލާފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ނެރުނު ބަޔާނަކާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ހަނިއްޔާ އާއި އޭނާގެ ބޮޑީގާޑަކު މަރުވެފައި ވަނީ އެ މީހުން ތިބި އިމާރާތަށް ހަމަލާދިނުމުންނެވެ. އައިއާރްޖީސީގެ ބަޔާނުގައި ބުނެފައިވަނީ ހަނިއްޔާ ތެހެރާނަށް ވަޑައިގެންނެވީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ހަމާސް ޖަމާއަތުން ވަނީ ހަނިއްޔާ ޝަހީދު ވެއްޖެކަން ކަށަވަރު ކޮށްދީފައެވެ. ހަމާސް އިން ބުނީ ހަނިއްޔާ ޝަހީދުވީ ޒަޔަނިސްޓުން ދިން ހަމަލާއެއްގައި ކަމަށެވެ. މިހަމަލާގައި ހަނިއްޔާގެ އިތުރުން އޭނާގެ ބޮޑީގާޑަކު ވެސް ޝަހީދުވިއެވެ.
ނަމަވެސް ހަމަލާ ދިން ގޮތާއި ހަމަލާގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
މިދިޔަ އަހަރުން ފެށިގެން ހަނިއްޔާ ދިރިއުޅުއްވަމުން ގެންދަވަނީ ޤަތަރުގެ ވެރިރަށް ދޯހާގައެވެ. އޭނާ އިރާނަށް ވަޑައިގެންނެވީ ކޮންއިރަކުކަމެއް އަދި ސާފެއް ނުވެއެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވެސް ވަނީ ހަނިއްޔާ އަވަހާރަކޮށްލިކަން އިއުލާންކޮށްފަ އެވެ.
ރޭފަތިހު ތެހެރާނުގައި ހުންނަ އިސްމާއީލް ހަނިއްޔާ ދިރިއުޅުއްވާ ގެއަށް ހަމަލާދީ، އޭނާއާއި އޭނާގެ ބޮޑީ ގާޑުންގެ ތެރެއިން އެކަކު ޝަހީދުވި ސަބަބު ބަލަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް އައިއާރުޖީސީން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!