ކަސްޓަމް އޭއައި ކެރެކްޓަރުތައް ހެދުމުގެ ފުރުޞަތު މެޓާގެ ޕްލެޓްފޯމްތަކުން ދޭން ނިންމައިފިއެވެ.

މެޓާ އިން ބުނީ އެ ކުންފުނީގެ ޕްލެޓްފޯމްތަކުގައި އޭއައި ސްޓޫޑިއޯ ކިޔާ އައު ޓޫލެއް ތަޢާރަފުކުރަން ނިންމާފައިވާ ކަމަށެވެ. މިއީ ބޭނުންކުރާ ފަރާތްތަކަށް އަމިއްލައަށް އޭއައި ޗެޓްބޮޓްތައް ހަދައި، ޑިޒައިންކޮށް އަދި ޙިއްޞާކުރުމުގެ ފުރުޞަތު ދޭ ޓޫލެކެވެ.

Ad
rt

މެޓާއިން ބުނާ ގޮތުގައި މި އޭއައި ސްޓޫޑިއޯއިން ބޭނުންކުރާ ފަރާތްތަކަށް އަމިއްލައަށް ކަސްޓަމައިޒްކޮށްފައިވާ އޭއައި ކެރެކްޓަރުތައް ހެދުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި އިންސްޓަގްރާމް ކްރިއޭޓަރުންނަށް މި އޭއައި ކެރެކްޓަރުތައް "އަމިއްލަ ނަފްސުގެ އިތުރު ބައެއްގެ ގޮތުގައި" ބޭނުންކުރެވޭނެއެވެ. މީގެ ސަބަބުން އާންމު ޑައިރެކްޓް މެސެޖްތަކަށާއި ސްޓޯރީ ރިޕްލައިތަކަށް ޖަވާބުދާރީވުމުގައި މި ކެރެކްޓަރުތައް ބޭނުންކުރެވޭނެއެވެ.

ޔޫޒަރުންނަށް މެޓާގެ އެކި ޕްލެޓްފޯމްތަކުގައި މި އޭއައި ކެރެކްޓަރުތައް ޙިއްޞާ ވެސް ކުރެވޭނެއެވެ. މި އައު ޓޫލް ބިނާކޮށްފައިވަނީ މެޓާގެ ލަމާ 3.1 ގެ މައްޗަށެވެ. މިއީ ފާއިތުވި ހަފްތާގައި ނެރުނު، ގިނަ ބަސްތަކުން ލިބެންހުރި، މެޓާގެ އެންމެ ބޮޑު އޭއައި މޮޑެލެވެ. މި މޮޑެލްގެ ޕަރފޯމަންސް މެޓްރިކްސްތައް އޯޕަންއޭއައި ފަދަ ވާދަވެރިންގެ ފައިސާ ދައްކައިގެން ބޭނުންކުރާ މޮޑެލްތަކާ ވާދަކުރާ ފެންވަރުގައި ހުރެއެވެ.

މީގެ އިތުރުން ޗެޓްޖީޕީޓީ ހަދާ އޯޕަންއޭއައިއިން "ސްޓްރޯބެރީ" ކިޔާ ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް ކުރަމުންދާކަމަށް ރޮއިޓަރސްއިން ޖުލައި މަހުގެ ކުރީކޮޅު ރިޕޯޓުކޮށްފައިވެއެވެ. މި ޕްރޮޖެކްޓްގެ ތަފްސީލުތައް އޯޕަންއޭއައި އިން ވަރަށް ސިއްރުކޮށް ބަހައްޓާފައިވާ ކަމަށް ބުނެއެވެ. މިއީ އެ ކުންފުނިން ފޯރުކޮށްދޭ މޮޑެލްތަކަށް އެޑްވާންސްޑް ރީޒަނިންގ ކެޕޭބިލިޓީސް ގެނައުމަށް ކުރާ މަސައްކަތެއް ކަމަށް ރޮއިޓާސްގެ ރިޕޯޓްގައި ބުނެފައިވެއެވެ.