ޣައްޒާގެ 86 އިންސައްތަ މިހާރު އޮތީ އިސްރާއީލުން މީހުން ހުސްކުރުމުގެ އަމުރުގެ ދަށުގައި ކަމަށް އދ. އިން ބުނެފިއެވެ.
ޔޫއެންއިން އިއްޔެ ހާމަކުރި ގޮތުގައި ޣައްޒާގެ 86 އިންސައްތަ ސަރަހައްދުން ދަނީ ފަލަސްތީނުގެ ރައްޔިތުން ފައިބަމުންނެވެ. އަދި މިހާރު އެ ސަރަޙައްދުތައް ވަނީ އިސްރާއީލުގެ ބެލުމުގެ ދަށުގައެވެ.
ޔޫއެންގެ އެޖެންސީ ޔޫއެންއާރްޑަބްލިއޫއޭގެ ވެރިޔާ ވަނީ މި މަޢުލޫމާތު ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މެދު ޣައްޒާގެ ރެފިއުޖީ ކޭމްޕްތަކުން އެތައް ހާސް މީހުން ވަނީ އައު އިންޒާރުތަކާ ގުޅިގެން ފިލަން ފަށާފައެވެ. އެކަމުގެ ސަބަބުން މިހާރު ވަނީ ގިނަ ބަޔަކު އެއް ސަރަހައްދަކަށް އެއްވެ ތޮއްޖެހިފައެވެ.
ޣައްޒާގެ ސިއްހީ މިނިސްޓްރީން ވަނީ މިހާރު ތޮއެއްޖެހިފައިވާ އެ ސަރަހައްދަކީ "ޕޯލިއޯ ފެތުރިފައިވާ ސަރަހައްދެއް" ކަމުގައި އިޢުލާނުކޮށްފައެވެ. މިކަމުން އެ ސަރަހައްދުގެ ރައްޔިތުންނާއި އަވައްޓެރި ޤައުމުތަކަށް ނުރައްކާވެދާނެ ކަމަށް ބެލެވެއެވެ. ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއޫއެޗްއޯ) އިން ވަނީ ނަރުދަމާ ސާމްޕަލްތަކުން ޕޯލިއޯ ވައިރަސް ފެނިފައިވާކަން ކަށަވަރުކޮށްދީފައެވެ.
ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. އެކި ބަލިތައް ފެތުރުމާ މެދު ކަންބޮޑުވުން އިތުރުވެފައިވާ ހިނދު، ޑަބްލިއޫއެޗްއޯ އިން ވަނީ ޣައްޒާގެ ކުޑަކުދިންނަށް އެއް މިލިއަނަށްވުރެ ގިނަ ޕޯލިއޯ ވެކްސިން ފޮނުވަން ނިންމާފައެވެ.
އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ޝަހީދުވި ފަލަސްތީނުންގެ އަދަދު 39،363 އަށް އަރާފައިވާ ކަމަށް ރިޕޯޓުކުރެވެއެވެ. އަދި 90،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!