ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 15.38 ކިލޯގްރާމްގެ މަސްތުވާތަކެއްޗާއެކު މެލޭޝިއާގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ކަސްޓަމްސްގެ އެސިސްޓަންޓް ކޮމިޝަަނަރ މުޙައްމަދު މަސީޙް ވިދާޅުވީ، މިއީ މިއަހަރު ކަސްޓަމްސްއިން އަތުލައިގަތް އެންމެ ބޮޑު މަސްތުވާތަކެތީގެ މައްސަލަކަމަށެވެ.
ޖުލައި 27 ވަނަ ދުވަހު އީކޭ ފްލައިޓުން އައި 44 އަހަރުގެ މެލޭޝިއާ މީހެއްގެ ފޮށިން ކެނެބިސް ފެނުނެވެ. މި މަސްތުވާތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 12.3 މިލިއަން ރުފިޔާއެވެ. ހައްޔަރުކުރެވުނު މީހާގެ އަތުން ފޭކް ޓިކެޓެއް ފެނުނެވެ. އޭނާ ބެންކޮކުން ދުބާއީ މެދުވެރިކޮށް މާލެ އައިސް، އަނބުރާ ދާން ރޭވިކަމަށް ބެލެވެއެވެ.
މި އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރަމުން ކަސްޓަމްސްގެ ސްޕްރިންޓެންޑެންޓް މުޙައްމަދު އަފްޒަލް ވިދާޅުވީ، މިއީ ރާއްޖެއަށް އައި މެލޭޝިއާ ޕަސިންޖަރެއްގެ އަތުން މަސްތުވާތަކެތި ފެނުނު ފުރަތަމަ ފަހަރުކަމަށެވެ.
ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކާމިޔާބު ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގައި، މައްސަލައާ ގުޅިގެން 41 އަހަރުގެ އިތުރު މެލޭޝިއާ ފިރިހެނަކުވެސް ހައްޔަރުކުރެވުނެވެ. ދެ މީހުންނަށް ކްރިމިނަލް ކޯޓުން 5 ދުވަހުގެ ބަންދު މުއްދަތެއް ދެވުނެވެ.
މި މައްސަލައާ ގުޅުންހުރި 4 ގައުމެއްގެ މީހުން ފާހަގަކުރެވި، އެ ގައުމުތަކާ މަޢުލޫމާތު ހިއްސާކުރެވެމުންދާކަމަށް އިސްވެރިން މަޢުލޫމާތު ދެއްވިއެވެ. މިއަހަރު މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 37 މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، 9 މައްސަލަ ކޯޓަށް ފޮނުވައި، 8 މައްސަލައިގައި ކުށް ސާބިތުވެފައިވާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!