އެޕަލްއިން ނެރުމަށް ތައްޔާރުވަމުންދާ އާޓިފިޝަލް އިންޓެލިޖެންސް ފީޗަރތައް ލަސްވާނެކަމަށް ބްލޫމްބާގް ނިއުސްއިން ރިޕޯޓުކޮށްފިއެވެ.

އެޕަލްއިން ނެރުމަށް ރާވާފައިވާ އައިފޯނާއި އައިޕެޑްގެ ސޮފްޓްވެއަރ އަޕްޑޭޓްތަކުގައި މި ފީޗަރތައް ހިމެނިފައި ނުވާނެކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

Ad
rt

މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ދިން ފަރާތްތަކަކާ ހަވާލާދީ ބްލޫމްބާގް ނިއުސްއިން ބުނެފައިވަނީ "އެޕަލް އިންޓެލިޖެންސް" ކަސްޓަމަރުންނަށް ތަޢާރަފުކުރަން ފަށާނީ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށެވެ. އައިއޯއެސް 18 އަދި އައިޕެޑްއޯއެސް 18 ގެ އަޕްޑޭޓްތައް ސެޕްޓެމްބަރު މަހު ނެރުމަށްފަހު، އޭގެ ދެތިން ހަފްތާއެއްގެ ފަހުން އާޓިފިޝަލް އިންޓެލިޖެންސް ފީޗަރތައް ތަޢާރަފުކުރާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އެޕަލްއިން މި ހަފްތާގެ ތެރޭގައި އައިއޯއެސް 18.1 އަދި އައިޕެޑްއޯއެސް 18.1 ބީޓާ ވާޝަންތައް މެދުވެރިކޮށް އެޕަލް އިންޓެލިޖެންސް ސޮފްޓްވެއަރ ޑިވެލޮޕަރުންނަށް ޓެސްޓުކުރުމަށް ދޫކުރުމަށް ވެސް ރާވާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އެޕަލްއިން މި މައްސަލައާ ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ދީފައެއް ނުވެއެވެ.

އެޕަލް އިންޓެލިޖެންސް ފީޗަރތައް ލިބެން ހުންނާނީ އައިފޯން 15 ޕްރޯ، އައިފޯން 15 ޕްރޯ މެކްސް، އަދި އެމް1 ޗިޕް އަދި އޭގެ ފަހުގެ ވާޝަންތައް ހިމެނޭ އައިޕެޑްތަކާއި މެކް ކޮމްޕިއުޓަރުތަކުގައި ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.