ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ފިރާޒް މަގާމުން ވަކިކޮށްފިއެވެ.
އޭނާ މަގާމުން ވަކިކުރެއްވިކަން މިދިޔަ ބުރާސްފަތިދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފައެވެ. އޭނާ ވަކިކޮށްފައިވަނީ މަގާމުގެ ދައުރު ހަމަނުވަނީހެވެ.
ޕީސީބީގެ ބޯޑު މެންބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. ފިރާޒް އެ މަގާމުގައި ހުންނަވާތާ މިހާތަނަށްވީ ތިން އަހަރެވެ.
ފިރާޒް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ އެ މަގާމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހު ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެއްވުނު ކަމަށްވެސް ވިދާޅުވިއެވެ.
ޕީސީބީގެ ބޯޑަށް މެންބަރުން އައްޔަން ކުރައްވައި، ވަކި ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!