ރާއްޖޭގައި އުފެއްދި ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކު ހިންގުމުގެ ލައިސަންސް ހޯދަން އެދި ދިވެހި ސަރުކާރުން އެމްއެމެއޭގައި އެދިއްޖެއެވެ.
މިކަން ހާމަކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ. މިނިސްޓަރު ވިދާޅުވީ، ލައިސަންސް ހޯދަން ބޭނުންވާ ފޯމުތައް މަރުކަޒީ ބޭންކަށް މިއަދު ހުށަހަޅާފައިވާ ކަަމަށެވެ.
ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުންފުންޏެއް އުފެއްދެވީ މިދިޔަ މޭ މަހުގެ 16 ވަނަ ދުވަހުއެވެ.
މިއީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓު ކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭނުންކުރާނެ ކުންފުންޏެއް ކަމަށް ސަރުކާރުން ބުނެއެވެ.
ޑެވެލޮޕްމަންޓް ބޭންކް އުފެއްދީ ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށާއި ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ރޭ ވިދާޅުވީ، ޑިވެލޮޕްމަންޓް ބޭންކްގެ ބޯޑަށް ބޭރުގެ ބޮޑެތި ބޭންކުތައް ހިންގާފައިވާ ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު މިހާރު ނަގާފައިވާ ކަމަށެވެ. ސަރުކާރުގެ ވިސްނުން ހުރީ ޑިވެލޮޕްމަންޓު ބޭންކަށް ބޭރުގެ ސީއީއޯއެއް ނެގުމަށް ކަމަށްވެސް ބުންޏެވެ.
މި ބޭންކުގައި ސަރުކާރުގެ އިތުރުން އަމިއްލަ ބައެއް ފަރާތްތަކުގެ ހިއްސާ ވެސް އޮންނާނެ ކަމަށާއި އޭގެ ޝައުގުވެރިކަން މިހާރުވެސް ބޭރުގެ ބައެއް އިންވެސްޓަރުން ފާޅުކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!