ސަރުކާރު ހިންގާ ޕްރޮގްރެސިވް އިއްތިހާދުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް)ގެ ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އިސްތިއުފާ ދެއްވައިފި އެވެ.
ޓޮމް އެ މަގާމުން އިސްތިއުފާ ދެއްވިކަމާއި އިސްތިއުފާދެއްވި ސަބަބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ.
އެ ޕޯސްޓްގައި ޓޮމް ވިދާޅުވީ، ޕީއެންސީގެ ޕާލިއަންމަންޓް ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމުންއޭނާ އިސްތިއުފާދެއްވީ، މިވަގުތު އަމިއްލަކަންކަން ހުރިގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެންނެތުމުގެ ސަބަބުން ކަމަށެވެ.
ޕީއެންސީގެ ޕާލިއަންމަންޓް ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމުން އަޅުގަނޑު އިސްތިއުފާދިނީ، މިވަގުތު އަމިއްލަކަންކަން ހުރިގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެންނެތުމުގެ ސަބަބުންނެވެ.
— Ahmed Thariq (@AhmedThaariq) July 28, 2024
ޓޮމް މި މަގާމުން އިސްތިއުފާދެއްވިއިރު ޕީއެންސީ ޕީޖީ ގްރޫޕްގައި އަދި އިތުރު ދެ ޑެޕިއުޓީން ނާއި ސީނިއާ ޑެޕިއުޓީއެއް ހުންނަވަނަވައެވެ. ޕީއެންސީ ޕީޖީ ގްރޫޕްގައި ދެން ތިއްބަވާ ޑެޕިއުޓީ ލީޑަރުންނަކީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑް) އެވެ. ސީނިއާ ޑެޕިއުޓީ ލީޑަރަކީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ.
ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރަކީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހުއެވެ.
މިއީ ޓޮމް ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން އަދާކުރަށްވަމުން ގެންދަވާ ތިން ވަނަ ދައުރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!