ރާއްޖޭގައި ޓިކްޓޮކާއި ޔޫޓިއުބުން ފައިސާ ލިބޭނެ ގޮތް ހަދަން މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގައި ގިނަ އަދަދެއްގެ އުފެއްދުންތެރިން ތިބި ކަމަށާއި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަކީވެސް އާމްދަނީ ހޯދޭނެ ވަސީލަތްތަކެއްކަމަށެވެ. ނަމަވެސް ރާއްޖޭގައި މިކަން ނުކުރެވޭ ސަބަބަކީ މިހާރު އޮތް ނިޒާމުގެ ތެރޭގައި ފައިސާ ލިބޭނެ ފަސޭހަ ގޮތްތަކެއް ނެތުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

Ad
rt

ސައީދު ވިދާޅުވީ ޓިކްޓޮކް "މަނިޓައިޒް" ކުރުމަށްޓަކާ އަދި ޓިކްޓޮކުން ރާއްޖެ އަށް އެންމެ ފައިދާ ހުރި ގޮތް ހޯދުމަށްޓަކާ ޓިކްޓޮކްގެ ރީޖަނަލް އޮފީސްތަކާއި ވާހަކަދައްކަން މިހާރު ފަށާފައިވާ ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަނީ ޗައިނާ ސަރުކާރުގައި ވެސް އެހީ އަށް އެދިގެން ކަމަށެވެ.

"ކުރިއެރުންތަކެއް އަޅުގަނޑުމެންނަށް އެބަދޭ އިރާދަކުރެވިއްޔާ ލިބެމުން. ޖުމްލަ ގޮތެއްގައި ކޮންޓެންޓް ކްރިއޭޓަރުންނަށް ދިމާވެފައި މިހުރި ގޮންޖެހުންތަކެއްގައި އަދި ހާއްސަކޮށް އީ ކޮމާސްގެ ތެރޭގައި މިހުރި ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ރައީސްގެ މެނިފެސްޓޯ ވައުދެއްގެ ގޮތުން އަޅުގަނޑުމެން 8 މަސް ދުވަސްތެރޭގައި އާދެވިފައި ތިބި ހިސާބު މި ދެންނެވީ،"

ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ދާދިފަހުން އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގައި ޔޫޓިއުބް އިން ވެސް ފައިސާ ލިބޭނެ ގޮތް ހެދުމާއި ގުޅޭގޮތުންނާއި ގޫގުލް ޕޭގެ ހިދުމަތާއި ގުޅޭގޮތުން ވެސް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އަންނަ މަސް ނިމުމުގެ ކުރިން ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުން ކުރަން ފެށޭނެ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

ޗައިނާގެ ޓިކްޓޮކަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެޕެކެވެ. މި އެ އެޕް ބޭނުންކުރާ މީހުންގެ އަދަދު މިހާރު ބިލިއަނަކަށް ވުރެ ގިނަ އެވެ.

ޕޭޕާލްގެ ޚިދުމަތް ރާއްޖެއަށް ހޯދުމަށްޓަކައި ރައީސްގެ އިރުޝާދުގެ ދަށުން ވަރަށް ގިނަ ފަރާތްތަކާ ބައްދަލުކުރެވިފައިވާ ކަމަށާއި، މިހާރު ސީދާ އެމެރިކާ ސަރުކާރުގެ އެހީތެރިކަމަށް އެދިގެން އެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އަލަށް އުފެދިގެން އަންނަ ކްރިއޭޓިވް އެތައް ބަޔަކު އޮންލައިންކޮށް އެތައް ވިޔަފާރިއެއް ކުރާ ކަމަށާއި، ރާއްޖޭގެ ޑިޖިޓަލް އީކޮމާސް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ހުރިކަމަށެވެ.