ސްޕެއިންގެ އިތުބާރު ޑިފެންޑަރ ރޮބިން ލެނޯމަންޑް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން ނިންމައިފިއެވެ.
ފާއިތުވި އަށް އަހަރު ރެއާލް ސޮސިއެޑާޑްއަށް ކުޅުނު އުމުރުން 27 އަހަރުގެ ލެނޯމަންޑް ޓްރާންސްފާގެ ކަންކަމުގައި ދެ ޓީމުގެ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާކަން ހާމަކޮށް އެތުލެޓިކޯ މެޑްރިޑްގެ ވެބްސައިޓްގައި ބުނެފައިވަނީ، އޭނާ ޗުއްޓީ ނިންމާފައި އެނބުރި އައުމުން ޓްރާންސްފާގެ ކަންކަން ކުރިއަށް ދުވަސްތަކުގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ.
ރެއާލް ސޮސިއެޑާޑް އިން ވަނީ އެކްސްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް ލެނޯމަންޑް ފާއިތުވި އަށް އަހަރު އެ ޓީމަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް ޝުކުރު އަދާކޮށްފައެވެ. އޭނާ ރެއާލް ސޮސިއެޑާޑްއާއިއެކު 2020 ވަނަ އަހަރު ކޮޕަ ޑެލް ރޭ މުބާރާތް ކާމިޔާބު ކޮށްފައެވެ.
މި މަހު ޖަރުމަނުގައި ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިން ޓީމް ހޯދުމުގައި އޭނާ ވަނީ އެ ޓީމްގެ ފަހަތުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މުބާރާތުގެ ހަތް މެޗުގެ ތެރެއިން ހަ މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅުނެވެ. ދެ ރީނދޫ ކާޑު ހަމަވުމުން އޭނާއަށް އެއް މެޗު ގެއްލުނެވެ. މިދިޔަ އަހަރުގެ ނޭޝަންސް ލީގު ވެސް ސްޕެއިން އާއިއެކު އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!