މާލީ ފައިދާގެ ގޮތުގައި އެއް ބިލިއަން ޔޫރޯ ހޯދައިގެން، ސީޒަނެއްގައި އާމްދަނީގެ ގޮތުގައި އެންމެ ބޮޑު ފައިދާ ހޯދުމުގެ ރެކޯޑް ސްޕެއިންގެ ރެއާލް މެޑްރިޑުން ހަދައިފިއެވެ.

މީގެކުރިން ކުރިން އަހަރީ އާމްދަނީގެ ގޮތުގައި ބިލިއަން ޔޫރޯގެ ފައިދާ ޔޫރަޕުގެ އެއްވެސް ކުލަބަކަށް ހޯދިފައިނުވެއެވެ. ރެއާލުން އާންމުކޮށްފައިވާ ތަފާތު ހިސާބުތަކުގައި ބުނާގޮތުން މިދިޔަ ސީޒަންގައި އެ ޓީމަށް ފައިދާގެ ގޮތުގައި 1.073 ބިލިއަން ޔޫރޯ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ ސީޒަނާއި އަޅާބަލާއިރު 27 އިންސައްތަ ކުރިއެރުމެކެވެ.

Ad
rt

ކޮވިޑް ބަލިމަޑުމަކުމުގެ ތެރޭގައި ޔޫރަޕްގެ ބޮޑެތި ގިނަ ކުލަބްތަކަށް މާލީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެ ގިނަ ކުލަބްތައް މާލީ ހާލަތު އަދިވެސް ހަމައަކަށް އެޅިފައިނުވި ނަމަވެސް ރެއާލުން ވަނީ ކޮވިޑް ހާލަތުގައި ވެސް ފައިދާ ނެރެފައެވެ. އަބަދުވެސް ރަނގަޅު ފައިދާއެއް ރެއާލުން ހޯދުމުގެ ސިއްރަކީ އެ ޓީމްގެ މާލީ ހަރުދަނާ ފިޔަވަޅުތަކެވެ.

ރެއާލްގެ އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި އެ ޓީމްގެ ދަނޑު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ބޭނުން ކުރަން ފެށުން ހިމެނެއެވެ. އެ ސްޓޭޑިއަމްގެ ހުރިހާ މަސައްކަތެއް ފުރިހަމަވާނީ 2024/25 ސީޒަންގެ ނިޔަލަށެވެ. އެ ސްޓޭޑިއަމް ތަރައްގީކޮށްފައި ވަނީ މަތިން ލައްޕާލެވޭ ގޮތަށެވެ. ދަނޑުގެ ވިނަގަނޑު އެކަމަށް ހާއްސަކޮށްފައިވާ ޓަނަލްއަކަށް ބަދަލުކޮށްލައި ދަނޑުގައި ފަސޭހަކަމާއިއެކު އެހެނިހެން އިވެންޓްތައް އިންތިޒާމްކޮށް ހިންގޭ ގޮތަށެވެ. މިކަމުގެ ސަބަބުން އެ ޓީމްގެ އާމްދަނީ ވަނީ ބޫސްޓްވެފައެވެ. މިއީ ޔޫރަޕްގައި ހިމެނޭ އެނެމް ފެންވަރު ރަނގަޅު އެއް ސްޓޭޑިއަމެވެ.