އޮލިމްޕިކް ގޭމްސްގެ، ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އާޖެންޓީނާއާއި މޮރޮކޯ އިއްޔެ ބައްދަލުކުރިއިރު، ހަމަނުޖެހުން ބޮޑުވެ ހަތަރު ގަޑިއިރަށް ދެމިގެންދިޔަ މެޗުގައި މޮރޮކޯ އަތުން އާޖެންޓީނާ ބަލިވެއްޖެއެވެ.
ފްރާންސްފެ ސެއިންޓް އެޓެއިން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި މޮރޮކޯއިން އާޖެންޓީނާގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއިންނެވެ. މިއީ ގްރޫޕް ބީގައި ހިމެނޭ ދެ ޓީމެވެ.
މި މެޗުގައި ފުރަތަމަ ދެ ލަނޑުޖަހައި ލީޑު ނެގީ މޮރޮކޯއިންނެވެ. މޮރޮކޯއަށް ދެ ލަނޑު ވެސް ޖަހައިދިނީ ސޮފިއާނޭ ރަހީމީއެވެ. އާޖެންޓީނާގެ ހަމައެކަނި ލަނޑު 68 ވަނަ މިނެޓުގައި ޖެހީ ސިމިއޯނީއެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު މޮރޮކޯ ކުރީގައި އޮތްނަމަވެސް އިތުރު ވަގުތުގެ ގޮތުގައި ދެއްކި 15 މިނެޓްގެ ފަހުވަގުތު އާޖެންޓީނާގެ ކްރިސްޓިއަން މެޑީނާ ލަނޑެއްޖަހައި އާޖެންޓީނާއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
އާޖެންޓީނާއިން ލަނޑުޖެހުމާއިއެކު މޮރޮކޯގެ ސަޕޯޓަރުން ހިތްހަމަނުޖެހި ދަނޑަށް ފުޅިފަދަ ތަކެތި އުކައި އެއްބައި ސަޕޯޓަރުން ދަނޑަށް އެރިއެވެ. ސަޕޯޓަރުން ދަނޑަށް އަރަންފެށުމުން ރެފްރީ ވަނީ މެޗު ހުއްޓާލައި ކުޅުންތެރިން ޗޭންޖިން ރޫމަށް ފޮނުވާލާފައެވެ. ދަނޑުގައި ބަހައްޓާފައި ހުރި ބޮޑު ސްކްރީނަށް މެޗު ސަސްޕެންޑް ކުރިކަމަށް އެރުވިއެވެ. މެޗުގެ ނަތީޖާ ހަމަހަމަވީކަމަށް ބަލައި ކުޅިވަރު ހަބަރު ގެނެސްދޭ ސައިޓްތަކުގައި މެޗުގެ ފައިނަލް ނަތީޖާއަކީ ދެލަނޑުން ދެލަނޑުން ދެ ޓީމް އެއްވަރުވީ ކަމުގައި ޕޯސްޓް ވެސް ކުރިއެވެ.
ދަނޑުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުން ސަޕޯޓަރުން ހުއްޓުވައި، ސަޕޯޓަރުން ނެރެ ދަނޑު ހުސްކުރިއެވެ. މެޗު ހުއްޓާލާފައި ދެ ގަޑިއެއްހާއިރު އޮތުމަށް ފަހު މެޗުގެ ބާކީ ތިން މިނެޓް ކުޅުމަށް ދެ ޓީމް ދަނޑަށް ނުކުތެވެ. އެވަގުތު ރެފްރީވަނީ އާޖެންޓީނާއިން ޖެހި ލަނޑު ވީއޭއާރުން ބެލުމަށްފަހު އޮފްސައިޑްކަމަށް ނިންމައި ލަނޑު ކެންސަލް ކޮށްލިއެވެ. ބާކީ ތިން މިނެޓްގައި ލަނޑެއް ނުޖެހި މޮރޮކޯ މެޗުން މޮޅުވީއެވެ.
އާޖެންޓީނާއިން ވަނީ އޮލިމްޕިކް ރަންމެޑަލް ދެ ފަހަރެއްގެ މަތިން ހޯދާފައެވެ. އެއީ 2004 ވަނަ އަހަރާއި 2008 ވަނަ އަހަރުއެވެ.
މި ގްރޫޕްގައި ދެން ހިމެނޭ ދެ ޓީމްކަމަށްވާ އިރާގާއި ޔުކްރެއިން ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކުރީ އިރާގުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!