ބިންގ ސާރޗް ނަތީޖާތަކަށް އޭއައި އެހީގައި ޚުލާސާ ހިމެނުމަށް މައިކްރޯސޮފްޓުން ނިންމައިފިއެވެ.
މައިކްރޯސޮފްޓުން އިއުލާނުކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ސާރޗް އިންޖިން ކަމުގައިވާ ބިންގގެ ނަތީޖާތަކުގައި އޭއައި އެހީގައި ތައްޔާރުކުރެވޭ ޚުލާސާއެއް ހިމެނުމަށް ވަނީ ނިންމާފައެވެ. "ބިންގ ޖެނެރޭޓިވް ސާރޗް" ގެ ނަމުގައި ތަޢާރަފުކުރެވޭ މި އައު ފީޗަރ މެދުވެރިކޮށް، ބޭނުންކުރާ ފަރާތްތަކުގެ ސުވާލުތަކަށް އެންމެ މަތީގައި ފެންނާނީ އޭއައި އިން އުފައްދާފައިވާ ޚުލާސާއެކެވެ.
މި އައު ފީޗަރގައި، އޭއައި މޮޑެލްތަކުން ބޭނުންކޮށްފައިވާ މައިގަނޑު މަޢުލޫމާތު ސޯސްތަކުގެ ލިންކުތަކާއި ގުޅުންހުރި އިތުރު މަޢުލޫމާތު ހިމެނޭނެއެވެ. މިހާރު މި ފީޗަރ ވަނީ ހޮވާލެވޭ ވަކި އަދަދެއްގެ ޔޫޒަރުންގެ ތަޖުރިބާއަށް ތަޢާރަފުކޮށްފައެވެ. އަދި ފީޑްބެކް ހޯދުމަށްފަހު، ތަޖުރިބާ އިތުރަށް ރަނގަޅުކޮށް، ފަހުން ގިނަ ބަޔަކަށް ލިބޭގޮތަށް ހަދަން ވަނީ ރާވާފައެވެ.
މައިކްރޯސޮފްޓުން ބުނާ ގޮތުގައި މި ފީޗަރގެ ބޭނުމަކީ ވެބްސައިޓްތަކުގެ ވިޔަފާރިއަށް ގެއްލުން ދިނުމެއް ނޫނެވެ. އަދި އޭއައި އިން އުފައްދާ ޚުލާސާތަކަކީ އަސްލު ޚަބަރުތަކުގެ ބަދަލެއްވެސް ނޫނެވެ. މިއީ ގޫގުލްއިން ކުރިން ތަޢާރަފުކުރި "އޭއައި އޯވަރވިއު" އާ އެއްގޮތް ކަމެއްކަމަށް ބެލެވެއެވެ. އަދި މިއީ ސާރޗް އިންޖިންތަކުގައި އިތުރަށް އޭއައި ފީޗަރތައް ހިމެނުމަށް ކުރެވޭ މަސައްކަތުގެ ބައެއްކަމަށްވެސް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!