ހައްދުފަހަނާ އަޅާފައިވާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީސީއަށް ދިޔުމުން އެތައް އިހުތިޖާޖުތަކަކާ ކުރިމަތިވެއްޖެއެވެ.

ނަތަންޔާހޫ ވޮޝިންގްޓަނަށް ދިޔައީ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. މިއީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ނިންމަވާފައިވާ ނިންމެވުން ބަދަލުކުރައްވައި، ނައިބު ރައީސް ކަމަލާ ހެރިސް އަށް އެންޑޯޒްކުރެއްވި ދުވަހުގެ އަނެއް ދުވަހެވެ.

Ad
rt

ނަތަންޔާހޫ ކޮންގްރެސްގައި ދިން ތަޤްރީރަށް ޑިމޮކްރެޓިކް ޕާޓީގެ އެތައް މެންބަރުންނެއް ހާޒިރުނުވާއިރު، އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައާ ދެކޮޅަށް އެމެރިކާގެ އެތައްބަޔަކު އެއްވެ ވަނީ އިހުތިޖާޖުކޮށްފައެވެ. އަދި މިހާތަނަށް 39,100 އަށްވުރެ ގިނަ ފަލަސްތީނުން މަރުވެފައިވާ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވެއެވެ.

އަންގާރަ ދުވަހުގެ މެންދުރުފަހު، ވެސް އެތައްސަތޭކަ މީހުން ކެޕިޓޯލް ބިލްޑިންގ ތެރޭގައިވާ ކެނަން ރޮޓަންޑާގައި އެއްވެ، ޣައްޒާގައި ނަތަންޔާހޫ ގެންގުޅުއްވާ ސިޔާސަތުތަކާ ދެކޮޅަށް އަޑުގަދަކޮށް ވަނީ އިހުތިޖާޖުކޮށްފައެވެ. ކެޕިޓޯލް ޕޮލިހުން ބުނާ ގޮތުގައި މި އިހުތިޖާޖުގައި 200 އާ ގާތްކުރާ އަދަދެއްގެ މީހުން ހައްޔަރުކޮށްފައިވެއެވެ.

އޭގެފަހުން، ނަތަންޔާހޫ ހުރުމަށް ހަމަޖެހިފައިވާ ވޯޓަރގޭޓް ހޮޓަލު ކައިރީގައިވެސް އިހުތިޖާޖުކުރާ ބަޔަކު އެއްވެ، އަޑުގަދަކޮށް ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާފައިވެއެވެ.

މި ހުރިހާ އިހުތިޖާޖުތަކަކީ ނަތަންޔާހޫގެ އެމެރިކާ ދަތުރުގައި ކުރިމަތިވި ގޮންޖެހުންތަކެވެ. ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާއި އިޒްރޭލުގެ ސިޔާސަތުތަކާ ދެކޮޅަށް އެމެރިކާގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާކަން މި އިހުތިޖާޖުތަކުން ދައްކުވައިދެއެވެ. އަދި ނަތަންޔާހޫގެ މި ދަތުރަކީ އެމެރިކާގެ ސިޔާސީ މަޝްރަހުގައިވެސް ޚިލާފު އުފެދިފައިވާ ދަތުރެއްކަން ފާހަގަކުރެވެއެވެ.