ރަޝިއާ އިން ބޭނުންވާ ނަމަ ރަޝިއާ އާ އެކު ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ދާން ޔޫކްރެއިނުން ތައްޔާރަށް އޮތް ކަމަށް ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ޑިމިތްރޯ ކުލެބާ މިހެން ވިދާޅުވީ، ބުދަ ދުވަހު ޗައިނާގެ ޚާރިޖީ ވަޒީރު ވޯންގ ޔީ އާ އެކު ގުއާންޒޯ ގައި ބޭއްވި މަޝްވަރާ ތަކަށް ފަހުގައެވެ.

Ad
rt

ޚާރިޖީ ވަޒީރު ޑިމިތްރޯ ކުލެބާ އަކީ 2022 ވަނަ އަހަރު ރަޝިއާ އިން ޔޫކްރެއިން އާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ޗައިނާ އަށް ޒިޔާރަތް ކުރެއްވި ޔޫކްރެއިންގެ އެންމެ އިސް އޮފިޝަލެވެ.

މި ދަތުރުފުޅުގައި ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ޗައިނާގެ ޚާރިޖީ ވަޒީރު އާ އެކު ތިން ގަޑިއިރުގެ މަޝްވަރާ ތަކެއް ކުރިއަށް ގެންދެވި ކަމަށް ޔޫކްރެއިންގެ ވަފްދުގެ އޮފިޝަލަކު ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ޔޫކްރެއިންގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ރަޝިއާ އާ އެކު ވާހަކަ ދައްކަން ޔޫކްރެއިން އިން ތައްޔާރަށް އޮތް ކަމަށް ބުނި ނަމަވެސް ރަޝިއާގެ ފުށުން އެކަމަށް ތައްޔާރަށް އޮތް ކަމުގެ ނިޝާނެއް އަދި ނުފެންނަ ކަމަށްވެސް ބުނެފައިވެއެވެ.

9 މަހަށް ވުރެ ގިނަ ދުވަސް ހޭދަވެފައިވާ ރަޝިއާ ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިން ގެ އިރުމަތީ ސަރަހައްދުގައި ރަޝިއާ އިން މަޑުމަޑުން ކުރި ހޯދަމުން ދާއިރު، ޔޫކްރެއިން އަށް ހަނގުރާމައިގައި އެންމެ ބޮޑު އެހީތެރި ކަމެއް ވެދޭ އެމެރިކާގެ ރައީސް ބައިޑްން ރިޔާސީ އިންތިޚާބުން ވަކިވެ ވަޑައިގެންފައި ވުމާއި، އަނެއްކޮޅުން ޑޮނަލްޑް ޓްރަމްޕް އަލުން އެމެރިކާގެ ރައީސް ކަމަށް ވަޑައިގެންފި ނަމަ ޔޫކްރެއިނަށް އެމެރިކާ އިން ލިބެމުންދާ އެހީތެރިކަމަށް ނިމުމެއް އަންނާނެ ކަމަށް މިހާރުވެސް ވަނީ ބެލެވިފައެވެ.

ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާ އަށް އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ ޔޫކްރެއިންނަށް ދެމުންދާ އަސްކަރީ އެހީ ހުއްޓާލައްވާނެ ކަމުގައެވެ.