މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދާ "ނޭޝަނަލް ޖޮބް ސެންޓަރ" ގެ ނަން "ނޭޝަނަލް ކެރިއަރސް ސަރވިސް" އަށް ބަދަލުކުރައްވާފައެވެ.

މި ބަދަލު ގެނެވިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. މި ބަދަލު ގެނެވުނު ކަމުގެ މަޢުލޫމާތު ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.

Ad
rt

ނަން ބަދަލުވުމާ ގުޅިގެން، ދައުލަތުގެ އިދާރާތަކުން ނޭޝަނަލް ކެރިއަރސް ސަރވިސްއަށް ލިޔުއްވާ ސިޓީގައި ނަންބަރު ޖައްސަވަމުން ގެންދަވާނީ 490 ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ބަޔާންކޮށްފައިވެއެވެ.

ނޭޝަނަލް ޖޮބް ސެންޓަރަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އުފެއްދެވި މުއައްސަސާއެކެވެ. މި އިދާރާ ގާއިމުކުރެވުނީ ވަޒީފާ ހޯދަން އެދޭ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް ގުޅުވައިދިނުމުގެ މަޤްޞަދުގައެވެ. މީގެ އިތުރުން، އެކި އުމުރުފުރާގެ މީހުންނަށް ކުރެވެން ހުރި މަސައްކަތްތައް އަންގައިދިނުމާއި، ވަޒީފާ ހިޔާރުކުރުމުގައި ލަފާދިނުން، އަދި ކަމާ ގުޅުންހުރި ސިޔާސަތުތައް ފުރިހަމައަށް ތަންފީޒުކުރުންވެސް މި އިދާރާގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ޖޮބް ސެންޓަރުގެ މަސްއޫލިއްޔަތުގެ ތެރޭގައި:

1. ވަޒީފާ ދޭ ފަރާތްތަކާއި ހޯދާ ފަރާތްތައް ގުޅުވައިދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން
2. ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އަދާކުރެވިދާނެ ވަޒީފާގެ ފުރުޞަތުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމާއި ވަޒީފާ ހޯދުމުގައި އެހީތެރިވުން
3. އާމްދަނީ ހޯދުމަށް ކުރާނެ ސްކިލްޑް އަދި ސެމީ ސްކިލްޑް މަސައްކަތްތައް ދަސްކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން
4. އެކި ދާއިރާތަކަށް ބޭނުންވާ ފަންނީ ތަމްރީނާއި ހުނަރުވެރިކަން ދަސްކޮށްދިނުން
5. ވަޒީފާތައް އިޚްތިޔާރުކުރުމުގައި އެހީތެރިކަމާއި އިރުޝާދު ދިނުން
6. ދިވެހިން އާމްދަނީ ލިބޭ މަސައްކަތްތަކަށް އަހުލުވެރިކުރުވުމަށް

މި ބަދަލާއެކު، ކުރިން "ނޭޝަނަލް ޖޮބް ސެންޓަރ" ގެ ނަމުގައި އެނގިފައިވާ މުއައްސަސާ މިހާރު "ނޭޝަނަލް ކެރިއަރސް ސަރވިސް" ގެ ނަމުގައި މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.