ދަ ޑިމޮކްރެޓިކް ޕާޓީގެ އިސްވެރިން އިއްޔެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކޮށް، ސަރުކާރާއެކު މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ރައީސް އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް ހަސަން ލަޠީފާއި ނައިބު ރައީސް މުޙައްމަދު ޝިފާޒު ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ޑިމޮކްރެޓިކް ޕާޓީގެ ސިޔާސަތުތަކުގެ ތެރެއިން މި ސަރުކާރަށް ތަންފީޒުކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

Ad
rt

ރައީސް މުޢިއްޒު ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް މަސައްކަތްކުރައްވާނެކަމަށް އިޢުލާންކުރައްވާފައިވާތީ، އެކަމަށް އެ ޕާޓީން ސަރުކާރަށް އެއްބާރުލުން ދިނުމަށް ހުށަހަޅުއްވާފައިވެއެވެ. މީގެ އިތުރުން، ޑިމޮކްރެޓިކް ޕާޓީގެ ސިޔާސަތުގައި ހިމެނޭ ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތުތައް ތަންފީޒުކުރުމުގައިވެސް އެއްބާރުލުން ދޭން ބޭނުންވާކަމަށް އެ ޕާޓީން ހާމަކޮށްފައިވެއެވެ.

މިއީ ޑިމޮކްރެޓިކް ޕާޓީގެ އިސްވެރިންނާއި ރައީސް މުޢިއްޒު ބައްދަލުކުރެއްވި ދެވަނަ ފަހަރެވެ. ކުރިން އެ ޕާޓީގެ އިސްވެރިން ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ނަމަވެސް، ރިޔާސީ އިންތިޚާބަށްފަހު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރުމަށްފަހު، މިހާރު ސަރުކާރާއެކު މަސައްކަތްކުރުމަށް މަޝްވަރާކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ޕާޓީގެ ލީޑަރޝިޕްގެ އެކި ބޭފުޅުން ވަނީ އެކި ފަހަރުމަތިން ސަރުކާރަށް ފާޑުކިޔާފައިވާއިރު، އަނެއްބައި ބޭފުޅުން ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކޮށް ވާހަކަދައްކާފައިވެއެވެ. މި ބައްދަލުވުމަކީ ޑިމޮކްރެޓިކް ޕާޓީގެ ސިޔާސަތަށް އައިސްފައިވާ ބަދަލެއްގެ ނިޝާނެއްކަމަށް ބެލެވެއެވެ.