ޚާން ޔޫނިސްގެ އިރުމަތީ ހިސާބުތަކަށް ޔަހޫދީ ސިފައިން ދެމުންދާ ހަމަލާތަކުގައި މަދުވެގެން 57 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްޙީ އޮފިޝަލުން ހާމަކޮށްފިއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ސަރަހައްދަކީ ކުރިން އިޒްރޭލުން ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޒޯނެއް ކަމުގައިވީ ނަމަވެސް، ބަރު ހަތިޔާރާއެކު އެ ސަރަހައްދަށް އަރާ ޔަހޫދީ ސިފައިން ފަލަސްތީނު މީހުންނަށް ވަނީ ހަމަލާދީފައެވެ.
ސިއްޙީ އޮފިޝަލުން ބުނާ ގޮތުގައި މި ހަމަލާތަކުގައި މިހާތަނަށް 172 މީހުން ޒަޚަމްވެފައިވެއެވެ. ޒަޚަމްވެފައިވާ މީހުން ނާސިރު ހޮސްޕިޓަލަށް ގެންނަމުންދާއިރު، އެ މީހުންގެ ހަށިތަކުން ފައިބާ ލެއިން ހޮސްޕިޓަލު ތެރޭގައި ކޯރު ހެދިފައިވާ ކަމަށް މެޑިކަލް އޮފިޝަލުން ބުނެފައިވެއެވެ.
ޔަހޫދީ ސިފައިން ހަމަލާތައް ދޭން ފެށީ އެ ސަރަހައްދުގެ ވަޒަންވެރިން އެތަން ދޫކޮށް ވަގުތުން ދިޔުމަށް އަމުރުކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. އެތަނުގައި ނުގޮސް މަޑުކުރާ މީހުންނާމެދު ޔަހޫދީ ސިފައިން ޢަމަލުކުރާނީ ހަރުކަށިކޮށް ކަމަށް އަންގާފައިވެއެވެ.
ފަލަސްތީނުގެ ސިވިލް ޑިފެންސް ފޯސްއިން ބުނާ ގޮތުގައި މި އަމުރާ ގުޅިގެން މަދުވެގެން 400,000 މީހުން ހާލުގައި ޖެހި މަގުމަތިވެފައިވެއެވެ.
މި ހަމަލާތަކާ ގުޅޭގޮތުން އިޒްރޭލުގެ ޔަހޫދީ ސަރުކާރުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!