ބެންކޮކްގެ މަރުކަޒީ ސަރަޙައްދުގައި ހުންނަ މަޝްހޫރު ގްރޭންޑް ހަޔަޓް ހޮޓަލުގެ ކޮޓަރިއެއްގައި 6 މީހުން މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ބެންކޮކްގެ މެޓްރޮޕޮލިޓަން ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި، މަރުވެފައިވާ މީހުން ފެނުނީ ޗެކްއައުޓް ގަޑި ހަމަވިތާ 24 ގަޑިއިރު ފަހުން، ހޮޓަލުގެ މުވައްޒަފަކު ފަސްވަނަ ފަންގިފިލާގައި ހުރި ކޮޓަރި ބަލައި ފާސްކުރުމަށް ވަދެގެންނެވެ.
ފުލުހުން ބުނާ ގޮތުގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތަކުގައި އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނާކަށް ނެތެވެ. އެހެންކަމުން، އަމިއްލައަށް އަނިޔާވެގެން މަރުވި ކަމަކަށް ނުބެލެވެއެވެ. އަދި މިއީ ވައްކަމާ ގުޅުންހުރި ހާދިސާއެއް ކަމަކަށްވެސް ފުލުހުން ނުދެކެއެވެ. ނަމަވެސް، ވިހައިގެ ބޭނުންކޮށްގެން މަރާލާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަހަލަ ހެކިތަކެއް ކޮޓަރިން ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ކޮޓަރީގައި ހުރި ތަށިތަކުގައި ހުދު ކުނޑިއެއް ފެނިފައިވާ ކަމަށާއި، އަދި ކޮޓަރިއަށް އޯޑަރުކޮށްފައިވާ ކާނާވެސް ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މިވަގުތު ފުލުހުން ދަނީ މި ގްރޫޕާއެކު ހޮޓަލަށް ޗެކްއިން ކުރި ހަތްވަނަ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން، މި ހާދިސާގައި އެންމެ ބޮޑަށް ތުހުމަތުކުރެވެނީ މި ހަތްވަނަ މީހާއަށެވެ.
ފާއިތުވި އަހަރު، ތައިލެންޑްގެ އަންހެނަކު އޭނާގެ ރަޙްމަތްތެރިއަކު ސަޔަނައިޑް ވިހައިން މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!