މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)ގެ ބޮންޑަށް އިންވެސްޓުކުރި މީހުންނަށް ފުރަތަމަ ކޫޕަން ޕޭމަންޓުގެ ގޮތުގައި 3.5 މިލިއަން ރުފިޔާ ޖަމާކޮށްދީފިއެވެ.

މިއީ އެމްޕީއެލް އިން ކެޕިޓަލް މާކެޓުގައި އިޝޫކުރި ފުރަތަމަ ބޮންޑެވެ. މި ބޮންޑުގައި އިންވެސްޓު ކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ އޭޕަރިލް މަހުގެ 11 ވަނަ ދުވަހުއެވެ.

Ad
rt

މި ބޮންޑަށް ގިނަ ފަރާތްތަކުން އިންވެސްޓު ކުރި ކަމަށް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލުން ބުނީ ބޮންޑްގެ ފުރަތަމަ ކޫޕަންގެ ޕޭމަންޓް އިންވެސްޓް ކުރި ފަރާތްތަކަށް ޖަމާކޮށްދީފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ.

އެ ކުންފުނީގެ ބޮންޑު ކާމިޔާބު ކަމާ އެކީ ކެޕިޓަލް މާކެޓަށް ނެރެދިނުމުގައި މަސައްކަތް ކޮށްދިނީ ފާސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުންނެވެ. މިއީ ފައިނޭންސް ދާއިރާގައި އަދި ހާއްސަކޮށް ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ގިނަ ކުންފުނިތަކެއްގެ އިތުބާރު ހޯދައިފައިވާ ކުންފުންޏެކެވެ.

އެފަދަ ބޮންޑުތަކުގައި އިންވެސްޓުކުރުމަށް ލިބޭ ފުރުސަތުތަކަކީ ފައިސާ ފަހަށް ރައްކާކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ކަމަށްވެސް އެމްޕީއެލުން ބުންޏެވެ.

ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ބޮންޑު ލިސްޓު ކުރެވެނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދަ ލިބިގެންނެވެ.