ރާއްޖޭގެ އިގްތިސާދު ފޫ ނުބެއްދިގެން އުޅެނީ ރިކަރަންޓު ހަރަދު އެއް ބިލިއަން ރުފިޔާ އަށް އަރައި ހަރަދު ބޮޑުވީމަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލިހުގެ ޖަލްސާގައި ގަފޫރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލުވިއިރު، ރާއްޖޭގެ އިގްތިސާދު ހުރީ ރަނގަޅަށް ކަމަށާއި ދުވަހަކު ވެސް ފަތުރުވެރިކަމުން އާމްދަނީ ނުވަންނަ ވަރަށް ފައިސާ ވަންނަމުން ދިޔަ ކަމަށެވެ. ގަފޫރު ވިދާޅުވީ ރައީސް ސޯލިހްގެ ވެރިކަން ބަދަލުވެގެން އައިއިރު، 34 ބިލިއަން ރުފިޔާގެ އާމްދަނީއެއް ރާއްޖެއަށް ވަންނަމުން ދިޔަ ކަމަށެވެ.
"ހުރިހާ އިގްތިސާދީ އިންޑިކޭޓަރުތަކެއް ހުރީ ހަމަ ރަނގަޅަށް. ޓޫރިޒަމް ކުރިއަރަމުން ދިޔަ. ނަމަވެސް މިއަދު އިގްތިސާދަށް އަންނަ ބަދަލުތަކަކީ ކުރީގެ ސަރުކާރުތަކުން ޒިންމާވާން ޖެހޭނެ ބަދަލުތަކެއް ނޫން. އެ ހަގީގަތް ގަބޫލު ކުރަން ޖެހޭ. ރާއްޖޭގެ އިގްތިސާދުގައި އެއްވެސް މައްސަލައެއް ނެތް،" ގަފޫރު ވިދާޅުވިއެވެ.
ރާއްޖެ އަށް ވަންނަ އާމްދަނީގެ އެއްވެސް މައްސަލައެއް ނެތް އިރު، މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ކުރެވޭ ހަރަދު ބޮޑުވުން ކަމަށް ގަފޫރު ވިދާޅުވިއެވެ.
ގަފޫރު ވިދާޅުވީ، ފަހުގެ ތާރީހެއްގައި ސެންޓުރަލް ބޭންކްގެ ގަވަރުނަރު މަޖިލީހުން ބަދަލު ކުރުން ނުވަތަ އިތުބާރު ނެތް ކަމުގެ ވޯޓް ނަގައިގެން ފާސްކުރާ ކުރުމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް ލިބެން ޖެހޭ 26 ބިލިއަން ރުފިޔާ ގެއްލިގެން ދިޔަ ކަމަށެވެ. ހަމަ އެއާއެކު ކޮވިޑަށް ކުރަން ޖެހުނު ހަރަދުތައް ވެސް އިންތިހާއަށް ބޮޑުވި ކަމަށް ވިދާޅުވިއެވެ. އޭގެ ސަބަބުން ހަރަދުތައް ދިމާވުމުގެ ގާނޫނު މަޖިލީހުން ސަސްޕެންޑް ކުރުމަށްފަހު 6 ބިލިއަން ރުފިޔާ ޗާޕް ކުރި ކަމަށް އޭނާ ވިދާޅުވެފައެވެ. ގަފޫރު ވިދާޅުވި ގޮތުގައި ފައިސާ ޗާޕު ކުރީ ކޮވިޑުން އަރައިގަތުމަށް ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ކުރި ކަމަކަށްވީމައެވެ. އަދި ފައިސާ ޗާޕުކޮށްގެން އެންމެ އަވަހަށް ކޮވިޑުން އަރައިގަތް ގައުމަކަށް ރާއްޖެ ވެގެން ދިޔަ ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!