އިޓާލިއަން ސީރިއާ އޭއަށް ޕްރޮމޯޓްވެފައިވާ ކޯމޯއިން ކުރިއަށ އޮތް ސީޒަނަށް އެ ޓީމް ވަރުގަދަ ކުރުމަށް ފްރާންސްގެ ތަޖުރިބާކާރު ޑިފެންޑަރ ރަފެއިލް ވަރާން ގެންދިޔުމުގެ ހުރިހާކަމެއް ފައިނަލްވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ކޯމޯއަކީ މިދިޔަ ސީޒަންގައި އިޓަލީގެ ދެވަނަ ޑިވިޝަންގައި ވާދަކުރި ޓީމެކެވެ. ކުރިން އާސެނަލްއަށާއި ބާސެލޯނާއަށް ވެސް މޮޅަށް ކުޅުނު ސްޕެއިންގެ މިޑްފީލްޑަރ ސެސް ފެބްރިގާސް އެ ޓީމުގެ ކޯޗުކަމާއި ހަވާލުވެ، ލީގުގެ ދެވަނަ ހޯދައިދީ އިޓާލިއަން ލީގުގެ އެއްވަނަ ޑިވިޝަނަށް ވަނީ ޕްރޮމޯޓް ކޮށްދީފައެވެ.

Ad
rt

މި ކާމިޔާބާއިއެކު ކޯމޯއިން ވަނީ ފެބްރިގާސް އާއިއެކު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއް އެކުލަވާލައި، ރަސްމީކޮށް އެ ޓީމް ހަވާލުކޮށްފައެވެ.

ރެއާލް މެޑްރިޑުގައި ކާމިޔާބު ކެރިއާއެއް ހޭދަކުރުމަށް ފަހު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެ، ޔުނައިޓެޑުގައި ވެސް ރަނގަޅަށް ކުޅުނު ވަރާންއާއި ޔުނައިޓެޑާއި ދެމެދު ހަދާފައިވާ އެއްބަސްވުން ހަމަވެފައި ވަނީ ނިމިދިޔަ ސީޒަންގެ ނިޔަލަށެވެ. ވުމާއިއެކު އޭނާ ކޯމޯއަށް ސޮއިކުރާނީ ހިލޭ ޓްރާންސްފާއެއްގައެވެ. ރިޕޯޓްތައް ބުނާގޮތުން ކޯމޯއިން ވަރާންއާއިއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް އެކުލަވާލާނެއެވެ. އެ އެއްބަސްވުމުގައި އެއް އަހަރު އިތުރު ކުރުމަށް ބޭނުންވާ މާއްދާ ހިމަނާނެއެވެ.

ފެބްރިގާސް ހަވާލުވެ އަންނަ ސީޒަނަށް އެ ޓީމް ވަރުގަދަ ކުރުމުގެ ގޮތުން މިހާރު ވެސް ވަނީ މުހިންމު ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. ރޯމާ އަށް ކުޅެމުން އައި އިޓަލީގެ ފޯވާޑް އަންޑްރެއާ ބެލޮއްޓީއާއި ކަލިއާރީއަށް ކުޅުނު ޑިފެންޑަރު އަލްބާޓޯ ޑޮސޭނާގެ އިތުރުން ބާސެލޯނާއާއި ލިވަޕޫލަށް ވެސް ކުޅުނު ގޯލްކީޕަރު ޕެޕޭ ރެއިނާގެ ސޮއި އެ ޓީމުން ވަނީ މިހާރު ހޯދާފައެވެ.