ނައިޖީރިއާގެ ފެޑެރަލް ކޮމްޕެޓިޝަން އެންޑް ކޮންސިއުމަރ ޕްރޮޓެކްޝަން ކޮމިޝަން (އެފްސީސީޕީސީ) އިން ފޭސްބުކުގެ މައި ކުންފުނި މެޓާ، 220 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކޮށްފިއެވެ.

މިޖޫރިމަނާ ކޮށްފައިވަނީ ޑޭޓާ ޕްރޮޓެކްޝަން އަދި ކޮންސިއުމަރ ރައިޓްސް ޤާނޫނުތަކާ ޚިލާފުވުމުގެ ސަބަބުންނެވެ.

Ad
rt

މެޓާއިން ނައިޖީރިއާގެ ރައްޔިތުންގެ ޑޭޓާ ހުއްދަނެތި ހިއްސާކުރުމާއި، ރައްޔިތުންނަށް އެމީހުންގެ ޑޭޓާ ބޭނުންކުރާނެ ގޮތް ކަނޑައެޅުމުގެ ހައްޤު ނުދިނުމާއި، ތަފާތުކުރުންތަކެއް ގެންގުޅުމާއި، މާކެޓުގައި އޮންނަ ބާރުގެ ނާޖާއިޒު ފައިދާ ނެގުން ފަދަ ކަންކަމުގެ ސަބަބުން މިޖޫރިމަނާ ކުރިކަމަށް އެފްސީސީޕީސީ އިން ބުނެފައިވެއެވެ.

2022 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ނައިޖީރިއާގައި 154 މިލިއަން އެކްޓިވް އިންޓަނެޓް ޔޫސަރުން ތިބިކަމަށް ވެއެވެ. މެޓާއިން ނައިޖީރިއާގެ ޑޭޓާ ޕްރޮޓެކްޝަން ރެގިއުލޭޝަންތަކާ އެއްގޮތަށް ޢަމަލު ނުކުރުމާއި، ޑޭޓާ ޕްރޮޓެކްޝަން ކޮމްޕްލަޔަންސް އޯގަނައިޒޭޝަނެއް އެކުލަވާނުލުމާއި، ފާއިތުވި ދެ އަހަރު ވަންދެން ބޭނުންވާ އޯޑިޓް ރިޕޯޓުތައް ހުށަނޭޅުން ފަދަ ކަންކަން ފާހަގަކުރެވިފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު ފެށިފައިވަނީ 2021 ވަނަ އަހަރުގެ މޭ މަހުގައެވެ. އެންމެ ފުރަތަމަ މި ތަހުގީގު އަމާޒުވެފައިވަނީ ވަޓްސްއެޕްގެ އަޕްޑޭޓްކުރެވުނު ޕްރައިވަސީ ޕޮލިސީއަށެވެ. ޖޫރިމަނާގެ އިތުރުން މެޓާއިން ނައިޖީރިއާގެ ގާނޫނުތަކަށް ތަބާވުމަށާއި ނައިޖީރިއާގެ ކޮންސިއުމަރުންގެ "އެކްސްޕްލޮއިޓޭޝަން" ހުއްޓާލުމަށް އަމުރުކޮށްފައިވެއެވެ.

މެޓާއިން ހުށަހެޅި "ރެމެޑީ ޕެކޭޖް" އެފްސީސީޕީސީގެ ކަންބޮޑުވުންތައް ހައްލުކުރުމަށް އެކަށީގެންވާ ވަރަށްވުރެ ކުޑަކަމަށް ބެލެވިފައިވެއެވެ. މިކަމުން ދައްކުވައިދެނީ ޑޭޓާ ޕްރޮޓެކްޝަނާއި ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ އަމަލުތަކާ ގުޅޭގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި އުފެދެމުންދާ ކަންބޮޑުވުންތަކެވެ.