ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 37 ވަނަ ބުރު ފަށައިފިއެވެ.
މި ކޯސް ކުރިއަށްގެންދަނީ އައްޑޫގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގައެވެ. ކޯސް ފެށުމަށް މި ޖުލައި މަހުގެ 20 ވަނަ ދުވަހު އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރު އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަޙްމަދު ޢަބްދުއް ރަހްމާންއެވެ.
މި ރަސްމިއްޔާތުގައި، ކޮލެޖުގެ އިސް ވެރިންނާއި ފުލުހުންގެ ސީނިއާ ބައެއް އޮފިސަރުންނާއި އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކުގެ އިސްވެރިން އަދި ޓްރެއިނިން ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވިއެވެ.
ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވައި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަޙްމަދު ޢަބްދުއް ރަހްމާން ވަނީ، ކޮންމެ ދަރިވަރަކު ވެސް ކޯހުން ފާސްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވާފައެވެ.
ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯހުގައި 48 އަންހެން ފުލުހުންނާއި 151 ފިރިހެން ފުލުހުންނާއެކު ޖުމުލަ 199 ފުލުހުން ބައިވެރިވާކަމަށް އެ އިދާރާއިން ބުންޏެވެ.
މި ކޯހުގައި ފިޒިކަލް ޓްރެއިނިން، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް، ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދޭނެއެވެ.
މި ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!