ޔަމަންގެ ޕޯޓް ސިޓީ ހުދެއިދާއަށް އިޒްރޭލުން ހޮނިހިރު ދުވަހު ދިން ބޮމުގެ ހަމަލާގެ ބަދަލު ހިފާނެ ކަމަށް ޔަމަންގެ އަސްކަރިއްޔާ ތަމްސީލުކުރާ ހޫޘީން ބުނެފިއެވެ.

ހަމަލާ ދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޫޘީންގެ ފަރާތުން ބުނެފައިވަނީ އިޒްރޭލުގެ މި "އުދުވާނީ" ޢަމަލުގެ ބަދަލު ހިފުމަށް ފަސްޖެހުމެއް ނެތި އިޒްރޭލުގެ މުހިންމު ތަންތަނަށް ހަމަލާދޭނެ ކަމަށެވެ.

Ad
rt

މި ބައްދަލުވުމުގައި ހޫޘީން އިތުރަށް ބުނެފައިވަނީ އިޒްރޭލުގެ ބިމުގައި އޮތް ތެލް އަވީވްއަކީ ރައްކާތެރި ތަނެއް ނޫން ކަމަށެވެ. މިއީ ކުރިން ވެސް ހޫޘީން ދައްކަމުން އައި ވާހަކައެކެވެ.

ޔަމަންގެ ފަރާތުން ބުނެފައިވާ ގޮތުގައި އިޒްރޭލުން ހަމަލާ ދީފައިވަނީ ތެޔޮ ރައްކާކުރާ ތަންތަނަށާއި ކަރަންޓު އުފައްދާ އިންޖީނުގެއަކަށެވެ. ހަމަލާގެ މަންޒަރުތަކުން ފެންނަ ގޮތުގައި އިމާރާތްތަކުގައި އަލިފާން ރޯވެ، މުޅި ސަރަހައްދަށް އަލިފާން ފެތުރިފައިވެއެވެ.

ހޫޘީންގެ ޓީވީ ޗެނަލް އަލް މަސީރާއިން ބުނެފައިވާ ގޮތުގައި މި ހަމަލާގައި އެތައްބަޔަކު މަރުވެ އަދި އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން މަޢުލޫމާތު ދީފައިވެއެވެ. ނަމަވެސް ވަކި އަދަދެއް ބަޔާންކޮށްފައެއް ނުވެއެވެ.

އިޒްރޭލުގެ ފަރާތުން ބުނެފައިވަނީ މިއީ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާއެއް ކަމަށާއި، މިއީ ފާއިތުވި ދުވަސްތަކުގައި ހޫޘީން އިޒްރޭލަށް ދީފައިވާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.

ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމައާ ދެކޮޅަށް ހޫޘީން ވަނީ އިޒްރޭލަށް ޑްރޯން އަދި ބެލިސްޓިކް މިސައިލް ހަމަލާތައް ދީފައެވެ. ނަމަވެސް މި ހަމަލާތަކުގެ ގިނަ އަދަދެއް ނާކާމިޔާބު ކޮށްލެވިފައިވާ ކަމަށް އިޒްރޭލުން ބުނެއެވެ.