ދުނިޔޭގެ އެންމެ މަޝްހޫރު އެސްއެސްޑީ އުފައްދާ ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއް ކަމަށްވާ ޓީމް ގްރޫޕުން ބަރުދަނުގައި އެންމެ 22 ގްރާމް ހުންނަ އައު މިނި އެކްސްޓަރނަލް އެސްއެސްޑީއެއް ތަޢާރަފުކޮށްފިއެވެ. މި އެސްއެސްޑީގައި 4 ޓެރަބައިޓުގެ ސްޓޯރޭޖް ހިމެނެއެވެ.
ޕީޑީ20 މިނި އެކްސްޓަރނަލް އެސްއެސްޑީގެ ނަމުގައި ތަޢާރަފުކޮށްފައިވާ މި އާ އެސްއެސްޑީއަކީ އެންމެ ރަނގަޅު ޕޯޓަބަލް އެސްއެސްޑީތަކުގެ ވާދަވެރި މާކެޓަށް ޓީމް ގްރޫޕުން ތަޢާރަފުކޮށްފައިވާ އުފެއްދުމެކެވެ. މި އެސްއެސްޑީއަކީ މެކްބުކް ޕްރޯއާއެކު ބޭނުންކުރުމަށް ވަރަށް އެކަށީގެންވާ އުފެއްދުމެކެވެ.
އެންމެ 22 ގްރާމުގެ ބަރުދަނެއް ހުންނަ މި އެސްއެސްޑީއަކީ ވަރަށް ކުޑަ އުފެއްދުމެކެވެ. އަތުގެ މުށުތެރޭގައި ފަސޭހައިން ހިފެހެއްޓޭވަރުގެ ކުޑަ އުފެއްދުމެއްކަމަށް ޓީމް ގްރޫޕުން ބުނެފައިވެއެވެ. އަދި މީގެ ތުނި ޑިޒައިނަކީ ބޭގަކަށް ނުވަތަ ލެޕްޓޮޕް ކޭސްއަކަށް ފަސޭހައިން ލެވޭވަރުގެ ޑިޒައިނެކެވެ.
ޕީޑީ20 އެސްއެސްޑީ ލިބެން ހުންނާނީ 1 ޓެރަބައިޓު، 2 ޓެރަބައިޓު އަދި 4 ޓެރަބައިޓުގެ ސައިޒުތަކުގައެވެ. މި އެސްއެސްޑީގެ ޑޭޓާ ޓްރާންސްފަރ ސްޕީޑަކީ ސިކުންތަކު 2،000 މެގަބައިޓެވެ. މި އެސްއެސްޑީގައި 2 ޔޫއެސްބީ 3.2 ޖެން 2 ޓައިޕް-ސީ ޕޯޓު ހުންނާނެއެވެ.
ޓީމް ގްރޫޕުން ބުނެފައިވާ ގޮތުގައި މި އެސްއެސްޑީއަކީ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. އަދި މިއީ ހުރިހާ ބާވަތެއްގެ ޑިވައިސްތަކާވެސް ގުޅޭ އުފެއްދުމެކެވެ. އެހެންކަމުން ދަތުރުމަތީގައި ޑޮކިއުމަންޓްތަކާއި ފޮޓޯތަކާއި ވީޑިއޯތައް ޓްރާންސްފަރކުރުމަށް އެންމެ އެކަށީގެންވާ އުފެއްދުމަކަށް މި އުފެއްދުން ވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!