ވޭތުވެދިޔަ އަށް މަސްދުވަހުގެ ތެރޭގައި، ރާއްޖެއިން ޑީޕޯޓުކޮށްލި ބިދޭސީންގެ ތެރޭގައި ހަށިވިއްކާ މީހުންނާއި ޑުރަގު ޑީލަރުންނާއި ގޭންގުސްޓާރުން ނާއި އެކިއެކި ކުއްތަކުގައި ސާމިލުވެ އުޅޭ ބިދޭސީން ހިމެނޭކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
މި މަޢުލޫމާތު ހާމަކުރެއްވީ އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 2،069 ބިދޭސީން ވަނީ ގައުމަށް ފޮނުވާލާފަ އެވެ. އަދި، އެ މުއްދަތުގެ ތެރޭގައި 152 ރެއިޑް އޮޕަރޭޝަނެއް އިމިގްރޭޝަނުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
އިމިގްރޭޝަނުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ވޭތުވެދިޔަ އަށް މަސްދުވަހުގެ ތެރޭގައި އެކި ކުށްތަކުގައި ޑީޕޯޓުކޮށްފައިވާ ބިދޭސީންގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ބޭރު ފައިސާ މުއާމަލާތްކުރި 8 ބިދޭސީއަކާއި ހަށިވިއްކުމުގައި އުޅުނު 65 ބިދޭސީން ނާއި ޑުރަގު އަދި ގޭންގު މާރާމާރީ އާއި ގުޅުންހުރި 141 ބިދޭސީން ހިމެނެއެވެ. މީގެ އިތުރުން އިމިގްރޭޝަނުން ބަލަމުންދާ އެކި މައްސަލަތަކުގައި ހޯދާ ފަރާތްތަކުގެ ތެރެއިން 15 ބިދޭސީން އަދި ވިސާ ނުވަތަ ލިޔެކިޔުމަށް ބަދަލު ގެނެސްގެން އުޅުން 9 ބިދޭސީން ވެސް ހިމެނެއެވެ.
ފަހަކަށް އައިސް ހިންގުނު ރެއިޑުތަކުގެ ތެރެއިން ހޯދުނު ހަށިވިއްކުމުގެ ނެޓްވޯކަކީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެން އުޅުނު ބިދޭސީ ފިރިހެނަކު އިސްކޮށް ހިންގަމުންދިޔަ ވިޔަފާރިއެއް ކަމަށް ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުޙައްމަދު ޝިފާން ވިދާޅުވިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށް، އަނބުރާ ފޮނުވާލާފައިވަނީ އާރިފް ކަމަދާރީ ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ރައްޔިތެކެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅުންހުރި އެހެން ފަރާތްތަކެއްވެސް ހައްޔަރުކޮށް، ޤައުމުން ބޭރުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، 2019 ވަނަ އަހަރުން ފެށިގެން އާރިފް ކަމަދާރީ ފޮނުވާލުމާ ހަމައަށް، 23 އަންހެނުން ރާއްޖެއަށް ގެނެސް، އެ މީހުން މެދުވެރިކޮށް ހަށިވިއްކުމުގެ ވިޔަފާރި ހިންގާފައިވެއެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ފަށާފައިވާ ޚާއްޞަ އޮޕަރޭޝަނެއްގައި، މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 101 ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، ވޭތުވެދިޔަ ހަތް މަސްދުވަހުގެ ތެރޭގައި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 2,013 ބިދޭސީން ވަނީ އެމީހުންގެ ޤައުމުތަކަށް ފޮނުވާލާފައެވެ.
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވި ގޮތުގައި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން މިހާތަނަށް 2،069 ބިދޭސީން ވަނީ ޑީޕޯޓުކޮށްފައެވެ. އަދި ފުލުހުންނާ ގުޅިގެން ވެސް ޚާއްސަ އޮޕަރޭޝަނެއް އަންނަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!