މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުންގެ އިދާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ށ. މިލަންދޫ އާއި ފ. ނިލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ށ. މިލަންދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މިލަންދޫ ޕޮލިސް ސްޓޭޝަނުން މި މަހުގެ 13 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ރަށު ގެއެއް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ތިން ކަރުދާސްކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ނިލަންދުއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ލިބުނު މައުލޫމާތަަކާ ގުޅިގެން އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރުމަތިން 38 އަހަރުގެ ފިރިހެނަކު ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި ހައްޔަރުކުރުމަކީ ދިވެހި ފުލުހުންގެ އިދާރާއިން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު ހައްޔަރުކުރުމެކެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ދިވެހި ފުލުހުންގެ އިދާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!