އޮމާނުގެ މައި ވިޔަފާރި ބަނދަރު ދުޤުމާ ދިމާ ބޭރުން، ސޯޅަ ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރެއް އަޑިއަށް ހިނގައްޖެއެވެ. އޮމާނުގެ މެރިޓައިމް ސެކިއުރިޓީ ސެންޓަރުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.
"ޕްރިސްޓީޖް ފެލްކަން" ނަމަކަށް ކިޔާ މި ޓޭންކަރު ދަތުރުކުރަމުން ދިޔައީ ކޮމޮރޯސް ދިދައިގެ ދަށުންނެވެ. އޮމާނުގެ ރަސްމީ އިދާރާއިން އެކްސްގައި ހާމަކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، ބޯޓުގައި ތިބީ އިންޑިއާގެ 13 ފަޅުވެރިންނާއި ސްރީލަންކާގެ 3 ފަޅުވެރިންނެވެ.
އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި، މި ޓޭންކަރު ދަތުރުކުރަމުން ދިޔައީ ޔަމަނުގެ އަދަން ބަނދަރަށެވެ. 117 މީޓަރު ދިގުމިނުގައި ހުރި މި ޓޭންކަރު ބަނދެފައިވަނީ 2007 ވަނަ އަހަރުއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މި ސައިޒުގެ ޓޭންކަރުތަކަކީ އާންމުކޮށް ކުރު ދަތުރުތަކަށް ބޭނުންކުރާ އުޅަނދުފަހަރެވެ.
އޮމާނުގެ މެރިޓައިމް ސެކިއުރިޓީ ސެންޓަރުން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، ބޯޓުން ދަތުރުކުރި ފަޅުވެރިން ފެނޭތޯ ކުރި މަސައްކަތް ކާމިޔާބު ވެފައެއް ނުވެއެވެ. އެހެންނަމަވެސް، އޮމާނުގެ ދައުލަތުގެ މީޑިއާއިން ހޯމަ ދުވަހު ބުނެފައިވާ ގޮތުގައި، އޮމާނުގެ ކޯސްޓްގާޑުން ފަޅުވެރިން ފެނޭތޯ ހޯދަމުން ދެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލު ލިބެމުންދާ މިންވަރަކުން އާންމުކުރަމުން ގެންދާނެ ކަމަށް އޮމާނުގެ އިދާރާތަކުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!