ކެންޔާގެ ވެރިރަށް ނައިރޯބީ އާއި އެހެނިހެން ބޮޑެތި ސިޓީތަކުގެ މަގުތަކުގައި އަންގާރަ ދުވަހު ފެށުނު މުޒާހަރާތަކުގައި އެތައްސަތޭކަ މީހުން ބައިވެރިވެ، ރައީސް ވިލިއަމް ރޫޓޯގެ އިސްތިއުފާއަށް ގޮވާލައިފިއެވެ.

މި މުޒާހަރާތައް ފެށިފައިވަނީ ޖޫން މަހުގެ މެދުތެރެއިން ފެށިގެން ކެންޔާގެ ސިޔާސީ މަޝްރަޙު ގޯސްވަމުން އައުމާ ގުޅިގެންނެވެ. މީގެ މައިގަނޑު ސަބަބަކީ ދައުލަތުގެ ދަރަނި އަދާކުރުމަށް ކަމަށް ބުނެ ސަރުކާރުން ޓެކްސް އިތުރުކުރުމަށް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލެވެ.

Ad
rt

މުޒާހަރާކުރާ ފަރާތްތައް ރޫޅާލުމަށް ނައިރޯބީގައި ފުލުހުން ވަނީ ޕެޕަރ ސްޕްރޭ އާއި ފެން ބަޑި ބޭނުންކޮށްފައެވެ. ނިޓެންގަލާ ސިޓީގައި މުޒާހަރާކުރި ފަރާތްތަކުން ވަނީ މަގުމަތީގައި ޓަޔަރު ރޯކޮށް، ރައީސް ރޫޓޯގެ އިސްތިއުފާއަށް ގޮވާލާފައެވެ. ރޮއިޓާސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި ސިޓީގައި ހިނގި މުޒާހަރާގައި އެކަކު ވަނީ މަރުވެފައެވެ.

ސަރުކާރުން ހުށަހެޅި 2.7 ބިލިއަން ޑޮލަރުގެ ޓެކްސް ޕްލޭނަށް ރައްޔިތުން ދެކޮޅުހެދުމާ ގުޅިގެން އެ ޕްލޭން ކުރިއަށް ނުގެންދިއުމަށް ރައީސް ރޫޓޯ ނިންމެވި ނަމަވެސް، މުޒާހަރާކުރާ ފަރާތްތަކުން މިހާރު ގޮވާލަނީ އޭނާގެ އިސްތިއުފާއަށެވެ. މުޒާހަރާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޤައުމުގެ އިޤްތިޞާދު ދަށަށްދިއުމާއި، އަގުތައް މައްޗަށް ދިއުމާއި، ސަރުކާރުގެ ކޮރަޕްޝަނާ މެދު ރައްޔިތުން ވަނީ ނުތަނަވަސްވެފައެވެ.