ސްކުއެއަރސްޕޭސް ވެބް ހޯސްޓިންގ ޕްރޮވައިޑަރގައި ރަޖިސްޓްރީކޮށްފައިވާ ގިނަ އަދަދެއްގެ ކްރިޕްޓޯކަރަންސީ ޕްރޮޖެކްޓްތަކަކަށް ހެކަރުން އަމާޒުކޮށް، ޑީއެންއެސް ހައިޖެކިންގ ހަމަލާއެއް ދީފިއެވެ.

މި ހަމަލާގެ މަޤްޞަދަކީ އެ ޕްރޮޖެކްޓްތަކުގެ ބޭނުންކުރާ ފަރާތްތަކުގެ ފައިސާ ވަގަށް ނެގުމެވެ.

Ad
rt

ޑީއެންއެސް ހައިޖެކިންގ ނުވަތަ ޑީއެންއެސް ރީޑައިރެކްޝަންއަކީ އިންޓަނެޓް ޓްރެފިކް އޮޅުވާލުމަށް ޑޮމެއިން ނޭމް ސިސްޓަމް (ޑީއެންއެސް) އަށް ބަދަލު ގެނައުމަށް ހެކަރުން ކުރާ ސައިބަރ ހަމަލާއެކެވެ. މިކަން ކުރެވެނީ ޝިކާރައަކަށްވާ ފަރާތުގެ ޑިވައިސް ނުވަތަ ޑީއެންއެސް ސާވަރގެ ސެޓިންގްސްތަކަށް ބަދަލު ގެނައުމުގެ ޒަރީއާއިންނެވެ.

މި ހަމަލާގެ ސަބަބުން، ބޭނުންކުރާ ފަރާތްތަކުން އެ ޕްރޮޖެކްޓްތަކުގެ ވެބްސައިޓްތަކަށް ވަންނަން މަސައްކަތް ކުރުމުން، އޮޅުވާލުމަށް ހަދާފައިވާ ނަކަލު ސައިޓަކަށް ރީޑައިރެކްޓް ކުރެވުނެވެ. އަދި އެ ނަކަލު ސައިޓުން އެ ފަރާތްތަކުގެ ވޮލެޓް އަލުން ގުޅުވާލުމަށް އެދުނެވެ. މިކަމުގައި ޝައްކު ނުކޮށް، އެދުނު ގޮތަށް ޢަމަލުކުރި ފަރާތްތަކުގެ ވޮލެޓްތަކުގައި ހުރި ކްރިޕްޓޯކަރަންސީ އާއި އެންއެފްޓީތައް ދާއިމީ ގޮތެއްގައި ގެއްލުމުގެ ނުރައްކާ ކުރިމަތިވިއެވެ.

މި ހާދިސާއާ ގުޅިގެން، ކްރިޕްޓޯކަރަންސީ ބޭނުންކުރާ ފަރާތްތަކަށް އިތުރު ސަމާލުކަމެއް ދިނުމަށާއި، އެއްވެސް ޝައްކެއް އުފެދޭނަމަ ވޮލެޓް ގުޅުވާނުލުމަށް އިރުޝާދު ދެވިފައިވެއެވެ. އަދި މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް، ވެބްސައިޓްތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފައިވެއެވެ.