ޣައްޒާގެ މެދުތެރޭގައިވާ އދ ހިންގާ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 22 އަށް އިތުރުވެއްޖެކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ހޯމަ ދުވަހު ބުނެފިއެވެ.
އާދީއްތަ ދުވަހު ނުސެއިރާތު ރެފިއުޖީ ކޭމްޕުގައި ހުންނަ އދގެ ފަލަސްތީނު ރެފިއުޖީންނަށް އެހީވާ އޭޖެންސީ (އަންރުވާ) ހިންގާ އަބޫ އޮރެއިބާން ސްކޫލަށް އިސްރާއީލުން ދިން ހަމަލާގައި މަރުވި މީހުންގެ އިތުރުން 102 މީހުން ޒަޚަމްވެފައިވާ ކަމަށް ސިއްހީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އެބަޔާނުގައި ވާގޮތުން މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.
އިސްރާއީލުގެ ސިފައިންގެ ފަރާތުން މި ހަމަލާ ދިންކަން ޤަބޫލުކޮށް، މި ސްކޫލަކީ އިސްރާއީލުގެ ސިފައިންނަށް ހަމަލާދޭން ބޭނުންކުރާ ތަނެއް ކަމަށް ބުނެފައިވެއެވެ.
މި ހަމަލާ ދިނީ ޣައްޒާގެ ދެކުނުގައި ހުންނަ ހިޔާވަހިކަން ދީފައިވާ ސަރަހައްދަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި 90 މީހުން މަރުވި ދުވަހުގެ ޖެހިގެން އައި ދުވަހުއެވެ. އެ ހަމަލާގައި 300 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ.
އދގެ ސަލާމަތީ ކައުންސިލުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވަނިކޮށް، ޣައްޒާއަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކާ ގުޅިގެން ބައިނަލްއަޤްވާމީ ފާޑުކިޔުންތައް އިތުރުވަމުންދެއެވެ.
އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން އިސްރާއީލުން ފެށި ހަނގުރާމައިގައި މިހާތަނަށް 38,700 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 89,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
9 މަސް ވަންދެން އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ޣައްޒާގެ ބޮޑު ބައެއް ވަނީ ވީރާނާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!