ޔޫއެންގެ ފަލަސްތީނު ރެފިއުޖީންނާބެހޭ އޭޖެންސީ (އަންރުވާ) "ޓެރަރިސްޓް ޖަމާއަތެއް" ގެ ގޮތުގައި ސިފަކުރުމަށް ކުރެވޭ މަސައްކަތްތައް އީޔޫއިން ބަލައިނުގަތުމަށް ނިންމައިފިއެވެ.
މިކަން އިއުލާނުކުރެއްވީ އީޔޫގެ ބޭރު ސިޔާސަތުގެ އިސްވެރިޔާ ޖޮސެޕް ބޮރެލްއެވެ.
ޖޯޑަން-އީޔޫ އެސޯސިއޭޝަން ކައުންސިލްގެ 15 ވަނަ ބައްދަލުވުމުގެ ތެރެއިން، ޖޯޑަންގެ ބޭރު ވަޒީރު އައިމަން ސަފަދީއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮރެލް ވިދާޅުވީ އަންރުވާ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަކުރުމަށް ކުރެވޭ އެއްވެސް މަސައްކަތެއް އީޔޫއިން ބަލައިނުގަންނާނެ ކަމަށެވެ. "އދ ގެ އޭޖެންސީއެއް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ބެލެވޭނީ ކިހިނެއްތޯ؟" އޭނާ ސުވާލު ކުރެއްވިއެވެ.
އަންރުވާއަށް އެހީ ފޯރުކޮށްދިނުމާއި ފަންޑު ކުރުން އީޔޫއިން ކުރިއަށް ގެންދާނެ ކަމަށާއި، އަންރުވާގެ މުހިންމު ދައުރު ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ބޮރެލް ވިދާޅުވިއެވެ. ބޮރެލްގެ މި ބަޔާނަށް އިޒްރޭލުން އަދި އެއްވެސް ކޮމެންޓެއް ދީފައެއް ނުވެއެވެ.
މޭ މަހުގެ ފަހުކޮޅު އިޒްރޭލުގެ ޕާލަމެންޓުން ވަނީ އަންރުވާ "ޓެރަރިސްޓް ޖަމާއަތެއް" ގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅި ބިލެއް ފާސްކޮށްފައެވެ. އަދި މި ބިލުގައި އަންރުވާއާ ގުޅުން ބޭއްވުން ހުއްޓާލުމަށް ވެސް ބަޔާންކޮށްފައިވެއެވެ. އަންރުވާ އަކީ ފަލަސްތީނު ރެފިއުޖީންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް އުފައްދާފައިވާ ހަމައެކަނި އދ ގެ އޭޖެންސީ ކަމުން، އެ އޭޖެންސީ އުވާލުމަށް އިޒްރޭލުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!