ޣައްޒާގެ އަލް މަވާސީ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި 90 މީހުން ޝަހީދުވެ، 300 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

މި ހަމަލާ އަމާޒުކޮށްފައިވަނީ ހަމާސް ޖަމާއަތުގެ އިސް ލީޑަރެއް ކަމަށްވާ މުހައްމަދު ޟައީފް އަދި އޭނާގެ ޑެޕިއުޓީ، ރަފާ ސަލާމާ އަށް ކަމަށް ބެލެވެއެވެ. ނަމަވެސް، މި ދެ ފަރާތުގެ ހާލަތާ ބެހޭ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

Ad
rt

އިޒްރޭލުން ކުރިން "ސޭފް ޒޯނެއް" ކަމަށް ކަނޑައަޅާފައިވާ ސަރަހައްދެއްގައި ހުރި ރެފިއުޖީ ކޭމްޕަކަށް މި ހަމަލާ ދީފައިވާކަން ފާހަގަކުރެވެއެވެ.

އޮކްޓޫބަރު 7 އިން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 38،000 އަށް ވުރެ ވަނީ އިތުރުވެފައެވެ. މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ 85 ޕަސެންޓު އާބާދީ ގެދޮރު ދޫކޮށް ދަނީ ހިޖުރަކުރަމުންނެވެ. އަދި ބައި މިލިއަނަށް ވުރެ ގިނަ މީހުން ބަނޑުހައިހޫނުކަމުގައި ޖެހިފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ދައްކައެވެ.

މީގެ އިތުރުން، އިޒްރޭލުން ދަނީ ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއަޅަމުންނެވެ. މީގެ ސަބަބުން ކާބޯތަކެއްޗާއި، ބޯފެނާއި، ބޭސްފަދަ އަސާސީ ބޭނުންތަކުގެ ތަކެތި ހިމެނޭ އެތައް އެހީގެ ގާފިލާއެއް ޣައްޒާއަށް ނުވަދެވި ހުއްޓިފައިވެއެވެ.