މިދިޔަ އަހަރުގެ އޮޑިޓު ރިޕޯޓު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައި ނުވާތީ، ތިން ސިޔާސީ ޕާޓީ އެއް 50،000ރ. އިން ޖޫރިމަނާ ކުރަން އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

އީސީ އިން މަޢުލޫމާތުދިން ގޮތުގައި، ޖޫރިމަނާކުރަން ނިންމާފައިވަނީ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި ދަ ޑޮމޮކްރެޓްސް އެވެ.

Ad
rt

ސިޔާސީ ޕާޓީތަކުން ކޮންމެ އަހަރަކުވެސް އެ އަހަރެއްގައި ހިންގި ހަރަކާތްތަކާއި، ލިބުނު ފައިސާ އަދި ޚަރަދުކުރި ގޮތުގެ ރިޕޯޓު ޖެހިގެން އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. ނަމަވެސް މި ތިން ޕާޓީން މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މި ޖޫރިމަނާ ކުރުމަށް ނިންމާފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 42 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވާތީ، އެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) އާ ހަވާލާދީއެވެ.

މި ޖޫރިމަނާ ކުރުމާ ގުޅިގެން އެމްޓީޑީ، އެމްއެންޕީ އަދި ދަ ޑެމޮކްރެޓްސްއިން އެއްވެސް ބަޔާނެއް ނެރެފައި ނުވެއެވެ. އަދި މި ޕާޓީތަކުން އޮޑިޓް ރިޕޯޓު ހުށަނޭޅި ސަބަބެއްވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މީގެކުރިންވެސް ބައެއް ސިޔާސީ ޕާޓީތައް ވަނީ ޖުރިމަނާކޮށްފަ އެވެ.