ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ އަހަރު އެންގި ނަމަވެސް އެގޮތަށް ބާރު އެ ކޮމިޝަނަށް ނޯންނާނެ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އޭސީސީ އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެންގި އެންގުމަށް ފުލުހުން އަމަލު ނުކުރުމުން އެ ކޮމިޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކޮމިޝަންގެ އެންގުމަށް އަމަލު ކުރަންޖެހޭނެ ކަމަށް ބުނެ އެވެ.

Ad
rt

އެ މައްސަލަ ނިމެންދެން، ޕްރޮމޯޝަންތައް މަޑުޖައްސާލަން އޭސީސީން އެދުނު ނަމަވެސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން އޮތީ ނިންމައިފަ އެވެ.

އެ މައްސަލާގައި ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ވަކި ކަމެއް ނުކުރަން ނުވަތަ މަޑުޖައްސާލަން އެންގުމުގެ ބާރު އޭސީސީގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ. ސުޕްރީމް ކޯޓުން ވެސް ކުރިން އެގޮތަށް ނިންމާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު ޕްރޮމޯޝަން ދިނުމުގެ މަސައްކަތް އޮތީ ނިމިފަ އެވެ. އެހެންވެ، ވަގުތީ އަމުރު ނެރުނަސް، ދެން އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ. އަދި އެގޮތަށް ވަގުތީ އަމުރު ނެރެފި ނަމަ އެންމެ ބޮޑަށް ގެއްލުން ލިބޭނީ ފުލުހުންނާއި ދައުލަތަށް ކަމަށާއި އަދި އެތައް ބައެއްގެ ހައްގަށް އަސަރު ކުރާނެ ކަމަށް ބުނެ, ދައުލަތުން އެދުނީ ސިވިލް ކޯޓުގެ ނިންމުން ދަމަހައްޓައި ދިނުމަށެވެ.

ރައްދުގައި އޭސީސީގެ ވަކީލުން ބުނީ ކޮރަޕްޝަނަށް މަގުފަހިވެދާނެ ހުރިހާ ކަންކަން ވެސް ހުއްޓުވުމަކީ އޭސީސީއަށް ގާނޫނީ ގޮތުން އޮތް ބާރެއް ކަމަށާއި ފުލުހުންގެ ޕްރޮމޯޝަން މަޑުޖައްސާލަން އެންގީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އޭސީސީގެ ވަކީލުން ބުނިގޮތުގައި އެ ކޮމިޝަނަކީ ކޮރަޕްޝަނާ ގުޅުން ހުރި ހުރިހާ ކަމެއް ބެލުމުގެ ބާރު އޮތް މުއައްސަސާ ކަމަށް ވާއިރު، އެ ކޮމިޝަންގެ އެންގުމަށް ތަބާވާން ނުޖެހޭނެ ގޮތަކަށް ދައުލަތުގެ މުއައްސަސާތަކަށް އަމަލު ނުކުރެވޭނެ އެވެ.

އޭސީސީން ހައި ކޯޓުގައި އެދުނީ ޕްރޮމޯޝަން ތަންފީޒު ކުރުން މަޑުޖައްސާލުމުގެ އަމުރެއް ނެރެ ދިނުމަށެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.