ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރާ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި 5 މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނީ 19 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި އަދި 24 އަހަރުގެ ދެ މީހުންނެވެ.

Ad
rt

އިއްޔެ މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން ދެ މީހަކު ތަޙްޤީޤު ނިމެންދެން ބަންދުގައި ބެހެއްޓުމަށާއި، އަނެއް ތިން މީހުން ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި މީހުންނާ ދެކޮޅަށް ފުލުހުން ކޯޓަށް ހުށަހަޅާފައިވަނީ ފުލުހުންގެ ބަޔާނާއި، އިންޓެލިޖެންސް ރިޕޯޓާއި، ހާދިސާ ރިޕޯޓުގެ ތަފްސީލުތަކުގެ އިތުރުން ސީސީޓީވީ ފުޓޭޖާއި، އޭގެ ސްނެޕްޝޮޓްތަކާއި އަދި އަނިޔާ ލިބުނު ފަރާތުގެ ފޮޓޯއެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، މި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ ޖަމާޢަތް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމެވެ. އަދި މި މީހުން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގެ އިތުރު ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށް ބެލެވެއެވެ.