ސިހުރުގެ މައްސަލައިގައި ހައްޔަރުކުރި އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ އާއި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމް މިއަދު ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ ޖޫން 23 ވަނަ ދުވަހު ފުލުހުން ތަހުގީގު ކުރަން ފެށި މައްސަލައާ ގުޅިގެން ހައްޔަރު ކުރި 40 އަހަރުގެ އަންހެން މީހާއާއި 26 އަހަރުގެ އަންހެން މީހާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ދޫކޮށްލާފައިވާ ކަމަށެވެ. އެއީ ޝަމްނާޒާއި އޭނާގެ ކޮއްކޮއެވެ.
ޝަމްނާޒާއި އިތުރު ދެ މީހުން ހައްޔަރުކޮށް އެންމެ ފުރަތަމަ ހަތް ދުވަހަށް ބަންދު ކުރަން ވަނީ އަންގައިފައެވެ. އޭގެ ފަހުން، މި މަހުގެ އެއް ވަނަ ދުވަހު، ޝަމްނާޒާއި އޭނާގެ ކޮއްކޮގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް އިތުރު ހަތް ދުވަސް ދިނެވެ. މި މައްސަލައިގައި ދެން ހައްޔަރުކުރި ހދ. ވައިކަރަދޫ، ހުސެއިން ސަމީރު ވަނީ އެ ދުވަހު ކޯޓުން ދޫކޮށްލައިފައެވެ.
ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރެވުނު މީހުން ދޫކޮށްލިޔަސް، މައްސަލަ ތަހުގީގު ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.
ޝަމްނާޒް ސްޓޭޓް މިނިސްޓަރުކަމުން ވަކިކުރީ ސިހުރުގެ މައްސަލައިގައި ހައްޔަރުކުރި ފަހުންނެވެ. އަދި އޭގެ ފަހުން ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި ޝަމްނާޒްގެ ކުރީގެ ފިރިމީހާ އާދަމް ރަމީޒު މަގާމުން ސަސްޕެންޑްކޮށްފައިވެއެވެ. އެކަމަކު، ރަމީޒުއާ ސިހުރުގެ މައްސަލައާ ގުޅުމެއް ނުވާ ކަމަށްވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!