އަފްޣާން ރެފިއުޖީން ޕާކިސްތާނުގައި ތިބުމުގެ މުއްދަތު އިތުރު އެއްއަހަރަށް ދިގުކޮށްދީފިއެވެ.
ޕާކިސްތާނުގައި ދިރިއުޅެމުންދާ ގާތްގަނޑަކަށް 1.5 މިލިއަން އަފްޣާން ރެފިއުޖީންގެ ރަޖިސްޓްރޭޝަން ކާޑުގެ މުއްދަތު އަންނަ އަހަރުގެ ޖޫން 30 އާ ހަމައަށް އިތުރުކޮށްދީފައިވާ ކަމަށް ޕާކިސްތާނު ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. މި ނިންމުމަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި އދ. ގެ ރެފިއުޖީ އޭޖެންސީ (ޔޫއެންއެޗްސީއާރު) ގެ އިސްވެރިޔާ ފިލިޕޯ ގްރާންޑީއާ ދެމެދު ކުރެވުނު މަޝްވަރާތަކަކަށްފަހު ނިންމި ނިންމުމެކެވެ.
ޕާކިސްތާނުގައި 1979 އިން ފެށިގެން އަފްޣާން ރެފިއުޖީން ދިރިއުޅެމުން އަންނަ އިރު، އެންމެ ފަހުން ބޮޑު އަދަދެއްގެ ރެފިއުޖީން އެ ޤައުމަށް އައީ 2021 ގައި އަފްޣާނިސްތާނުގައި ޠާލިބާނުން ވެރިކަމާ ހަވާލުވުމާ ގުޅިގެންނެވެ. މިހާރު ޕާކިސްތާނުގައި ތިން މިލިއަނެއްހާ އަފްޣާނުން ދިރިއުޅޭ އިރު، އޭގެ ތެރެއިން 2.4 މިލިއަން މީހުންގެ ޤާނޫނީ ލިޔެކިޔުންތައް ހަމައެވެ.
ނަމަވެސް، ނޮވެމްބަރު މަހު ޕާކިސްތާނުން ފެށި ރެފިއުޖީން އަނބުރާ ފޮނުވާލުމުގެ ޕްރޮގްރާމާ ގުޅިގެން މިހާތަނަށް 600,000 އަށްވުރެ ގިނަ ރެފިއުޖީން އަފްޣާނިސްތާނަށް އަނބުރާ ފޮނުވާލާފައިވެއެވެ. އޭގެ ތެރެއިން 30,000 އަށްވުރެ ގިނަ މީހުން ޑިޕޯޓްކޮށްފައިވާ އިރު، ބާކީ މީހުން އަމިއްލަ އިޚްތިޔާރުގައި އެނބުރި ދިޔައީއެވެ.
ޔޫއެންއެޗްސީއާރުގެ އިސްވެރިޔާ ގްރާންޑީ ވަނީ ޕާކިސްތާނުގެ ގޮންޖެހުންތަކަށް އިޝާރާތްކޮށް، ރެފިއުޖީން އަނބުރާ ފޮނުވާލުމުގެ ޕްރޮގްރާމް "މަޑުޖައްސާލާފައި" ވާތީ އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަފްޣާން ކޮމިޝަނަރޭޓްގެ އޮފިޝަލެއް ވަނީ މި ޕްރޮގްރާމް ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށާއި، ބޯޑަރު ކްރޮސިންގތަކުގައި މިހާރު އެއްވެސް މީހަކު ބޭރުކޮށް ނުވަތަ ޑިޕޯޓްކޮށް ނުފޮނުވާ ކަމަށް ކަށަވަރުކޮށްދީފައެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!