ޣައްޒާގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް މަގުމަތީގައި ގިނަވެ ޣައްޒާގެ އިންސާނީ ޙާލަތު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ޣައްޒާގެ މަދަނީ ދިފާއީ ޚިދުމަތުގެ ތަރުޖަމާނު މަޙްމޫދު ބައްސާލް ވިދާޅުވެފައިވަނީ ޣައްޒާ ސިޓީގެ ތަލް އަލް-ހަވާ ސަރަޙައްދަށް އިސްރާއީލީ ސިފައިން ވަދެ، މަދުވެގެން 30 ފަލަސްތީނުން މަރާލާފައިވާ ކަމަށެވެ. އަދި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް މަގުމަތިން ފެންނަމުންދާ ކަމަށް އޭނާ ބުނެފައިވެއެވެ.

Ad
rt

އދ. ގެ ތަރުޖަމާނު ސްޓެފާން ދުޖާރިކް ވިދާޅުވެފައިވަނީ ޣައްޒާ ސިޓީ އެއްކޮށް ހުސްކުރުމަށް އިސްރާއީލުން ނެރެފައިވާ އަމުރުގެ ސަބަބުން "ބޮޑު ތަކުލީފެއް" ކުރިމަތިވެފައިވާ ކަމަށެވެ. އަދި ޣައްޒާގެ އެތެރޭގެ ކަންކަމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ މި އަމުރަކީ މަދަނީ ރައްޔިތުންނަށް އަމާޒުކޮށްފައިވާ "ނަފްސާނީ ހަނގުރާމައެއް" ކަމަށެވެ. އެއީ ރައްކާތެރި ތަނެއް ނެތުމުންނެވެ.

ޤަތަރުގެ ވެރިރަށް ދޯހާގައި ހަނގުރާމަ ހުއްޓުވުމަށް މަސައްކަތްތަކެއް ކުރަމުންދާއިރު، ޣައްޒާގައި ހުރި އދ. ގެ ތަންތަނާއި ސްކޫލްތަކަށް އިސްރާއީލުން ދަނީ ހަމަލާދެމުންނެވެ. އަދި އާބާދީ ބޮޑެތި އަދަދުތަކުން އެހެން ތަންތަނަށް ބަދަލުކުރަމުންދާއިރު، ހޮސްޕިޓަލްތައް ބަންދުކުރަން މަޖުބޫރުވެފައިވެއެވެ.

އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް ޣައްޒާގައި މަދުވެގެން 38,295 މީހުން ވަނީ ޝަހީދުވެފައެވެ. އަދި 88,241 މީހުން ވަނީ ޒަޚަމްވެފައެވެ.