އެޕަލްގެ އައިފޯނު ބޭނުންކުރާ ފަރާތްތަކަށް އުފާވެރި ޚަބަރެއް ލިބިއްޖެއެވެ. އެއީ އައިފޯނުގެ އައިއޯއެސް 18 އަޕްޑޭޓާއެކު ފޯނު ކޯލުތައް ރެކޯޑުކޮށް ޓްރާންސްކްރިޕްޓް ހެދުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށް އިއުލާނުކޮށްފައިވާތީއެވެ.

މި އަޕްޑޭޓާއެކު އައިފޯނުގެ ފޯނު އެޕްގައި ކޯލު ރެކޯޑުކުރުމުގެ އޮޕްޝަން އިތުރުކުރެވޭނެއެވެ. ނަމަވެސް މި ފީޗަރ ލިބެން ފަށާނީ އައިއޯއެސް 18 ގެ ފުރިހަމަ ވާޝަން ނެރޭ އިރުކަމަށް ލަފާކުރެވެއެވެ. ކޯލު ރެކޯޑުކުރަން ފެށުމުން އަނެއް ފަރާތަށް އެކަން އަންގާނެއެވެ. އަދި ރެކޯޑުކުރެވޭ ކޯލުތަކުގެ ޓްރާންސްކްރިޕްޓް ނޯޓްސް އެޕްގައި ރައްކާކުރެވޭނެއެވެ.

Ad
rt

އައިފޯން 15 ޕްރޯ އަދި ޕްރޯ މެކްސް ފަދަ އޭއައި ޤާބިލުކަން ލިބިފައިވާ މޮޑެލްތަކުގައި، އެޕަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޓްރާންސްކްރިޕްޓްގެ ޚުލާސާއެއް އުފައްދާނެއެވެ. އަދި އައިފޯން 16 ސީރީޒްގެ ހުރިހާ މޮޑެލްތަކެއްގައިވެސް އޭ18 ޕްރޮސެސަރާއެކު އޭއައި ޤާބިލުކަން ލިބޭނެކަމަށް ބެލެވެއެވެ.

އައިއޯއެސް 18 ރަން ކުރެވޭ ހުރިހާ އައިފޯނެއްގައި ކޯލު ރެކޯޑުކޮށް ޓްރާންސްކްރިޕްޓް ހެދުމުގެ އަސާސީ ފީޗަރތައް ބޭނުންކުރެވޭނެއެވެ.

މިހާރު ޑިވެލޮޕަރުންނަށް ދޫކޮށްފައިވާ އައިއޯއެސް 18 ބީޓާ ވާޝަންގައި މި ފީޗަރ ނުހިމެނެއެވެ. ނަމަވެސް ކުރިއަށް އޮތް ބީޓާ ވާޝަނެއްގައި ނުވަތަ 2024 ގެ ފަހުކޮޅު އައިފޯން 16 އާއެކު ނެރޭ އައިއޯއެސް 18 ގެ ފުރިހަމަ ވާޝަންގައި މި ފީޗަރ ހިމެނޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.