ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކެއްގައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

މި ހަމަލާ އަމާޒުކޮށްފައިވަނީ އިސްރާއީލުން ވެރިވެފައިވާ ސީރިއާގެ ގޮލަން ހައިޓްސްއަށް ކަމަށް ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓްކޮށްފައިވެއެވެ.

Ad
rt

އަލްޖަޒީރާ ނޫހުގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ލުބުނާނުން ވަނީ 30 އަށްވުރެ ގިނަ ރޮކެޓް ފޮނުވާލާފައެވެ. މި ހަމަލާގެ އަމާޒަކީ ނަފާހުގައި ހުރި އިސްރާއީލުގެ އަސްކަރީ މަރުކަޒެއް ކަމަށް ހަމާސް ޖަމާއަތުން ބުނެފައިވެއެވެ.

ހަމާސްގެ ބަޔާނެއްގައި ބުނެފައިވާ ގޮތުން، މިއީ އިސްރާއީލުން ހަމާސްގެ މެންބަރެއް ކަމަށްވާ ޔާސީރް ޤަނާބަޝް ޝަހީދުކޮށްލުމާ ގުޅިގެން ދިން ބަދަލުހިފުމުގެ ހަމަލާއެކެވެ. އިސްރާއީލުން ޤަނާބަޝް ޝަހީދުކޮށްލީ ސީރިއާގެ ބެއިރޫތް-ޑަމަސްކަސް މަގަށް ދިން ހަމަލާއެއްގައެވެ.

މީގެ އިތުރުން، މަނާރާގެ ބައެއް ގެތަކަށް ވެސް މިސައިލް ހަމަލާތަކެއް ދިން ކަމަށް ހަމާސްއިން ބުނެފައިވެއެވެ. މި ހަމަލާތައް ދިނީ ލުބުނާނުގެ ދެކުނުގައި އޮންނަ ރަބް އަލް-ތަލަތީނަށް އިސްރާއީލުން ދިން ހަމަލާއަކާ ގުޅިގެންނެވެ.

މި ހާދިސާގައި ނަފާހް ޖަންކަޝަން ކައިރިން ކާރެއްގައި ދަތުރުކުރަމުންދިޔަ ދެމީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.